އަންނަ އަހަރުން ފެށިގެން އެއްގަމާއި ކަނޑު އުޅަނދުގެ އަހަރީ ފީ ދައްކަންޖެހޭނީ އެ ވެހިކަލެއް ރަޖިސްޓްރީ ކޮށްފައިވާ ރަށެއްގެ ކައުންސިލު އިދާރާއަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ އިއްޔެ ނެރެފައިވާ މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ފީ ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މީރާއިން އެ ފީ ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.

އަދި އަންނަ އަހަރުން ފެށިގެން އެ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުން ކަމަށާއި ސިސްޓަމް މެދުވެރިކޮށް ކައުންސިލްތަކުގެ އެކައުންޓަށް ފީ ޖަމާކުރެވޭނީ ކައުންސިލްތަކުގެ ބޭންކް އެކައުންޓުތައް ބަނޑޭރި ޕޭ އާ ގުޅުވާލުމުން ކަމަށްވެސް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކުގެ އެކައުންޓުތައް ބަނޑޭރި ޕޯޓަލްއާ ގުޅާލުމަށް މި މަހުގެ ނިޔަލަށް މުއްދަތެއް ދީފައެވެ. އަދި އެ މުއްދަތުގެ ނިޔަލަށް ބަނޑޭރި ޕޭއާ ގުޅާނުލާ ކައުންސިލްތަކަށް ފީ ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މި އަހަރުގެ ތެރޭގައި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ފީގެ ގޮތުގައި ޕަބްލިކް އެކައުންޓަށް ޖަމާވެފައިވާ އާމްދަނީ، އެ ފީއެއް ނިސްބަތްވާ ކައުންސިލްތަކަށް ޓްރާންސްފާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.