ޚަބަރު

މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްޑަބްލިއުއެމް) އިން ބޭއްވި ދެވަނަ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ނިންމާލައިފިއެވެ.

އެއް ދުވަހުގެ މުބާރާތެއްގެ ގޮތުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ކްރިކެޓް ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު ސްރީ މުނޫ މަހާވަރު އާއި ސްރީލަންކާގެ ހައި ކޮމިޝަނަރު އޭއެމްޖޭ ސާދިގުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އަދި އުރީދޫ މޯލްޑިވްސްގެ ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ޑިރެކްޓަރު ސަޗިން ސަރްނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 20 ޓީމުން ބައިވެރިވިއެވެ. ފްރެންޑްސް ކްލަބް ބަންގްލަދޭޝް އާއި ޔުނިޓީ ކްރިކެޓް ކްލަބާ ކުޅުނު ފޯރިގަދަ ފައިނަލް މެޗަށް ފަހު މުބާރާތް ކާމިޔާބުކުރީ ފްރެންޑްސް ކްލަބް ބަންގްލަދޭޝް އިންނެވެ.

ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމާއި މުޅި މުބާރާތުގެ އެންމެ މޮޅު ބެޓަރާއި ފީލްޑަރު އަދި ބޯލަރަށް އެވޯޑްވެސް ވަނީ ދީފައެވެ. އެކުވެނީ ކްރިކެޓް ދަނޑުގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ސްރީލަންކާގެ ހައިކޮމިޝަނަރު އޭއެމްޖޭ ސާދިގު އާއި ޕާކިސްތާނުގެ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް މުހައްމަދު ފަޔާޒް އާއި ބަންގްލަދޭޝް ހައިކޮމިޝަނަރު ރިއާ އެޑްމިރަލް އަބުލް ކަލާމް އަޒާދު އާއި ހުސައިން ނިޔާޒް ސަޗިން ސަރްނާގެ އިތުރުން މުބާރާރުގެ ޕާޓްނާ އޯގަނައިޒޭޝަންތަކުގެ މަންދޫބުންނެވެ.

އެމްއެމްޑަބްލިއުއެމް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ހެލްތު ކޭމްޕަކާއި ލީގަލް އެވެއާނެސް ކޭމްޕެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އުރީދޫ މޯލްޑިވްސް އަކީ މި ކާނިވަލުގެ މައި ޕާޓްނަރެވެ.

އެމްއެމްޑަބްލިއުއެމްއިން ޑަބްލިއުއެޗްއޯ މޯލްޑިވްސް އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން އާއި މެޑިކޯސް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ލައިފް ސަޕޯޓާ ގުޅިގެން ކުރިއަށްގެންދިޔަ މި ހެލްތު ކޭމްޕެގައި ހިލޭ މެޑިކަލް ސްކްރީނިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓާ އާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ބޭއްވި ލީގަލް އެންޑް އެވެއާނަސް ކޭމްޕް މެދުވެރިކޮށް، ބިދޭސީ މަސައްކަތްތެރިންނަށް ހޭލުންތެރިކަން ފޯރުކޮށްދީފައިވެއެވެ.

މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލަކީ ބިދޭސީ މަސައްކަތްތެރިން މުޖުތަމައުގައި ބައިވެރިކުރެވޭ މިންވަރު އިތުރުކުރުމާއެކު މަސައްކަތްތެރިންނަށް އެކިއެކި ގޮތްގޮތުން މައުލޫމާތު ފޯރުކޮށްދީ، އަހުލުވެރި ކުރުވުމުގެ މައިގަނޑު މަގުސަދުގައި ބާއްވާ ކްރިކެޓް ކާނިވަލެކެވެ.