ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރުމަށް ތައްޔާރުވެއްޖެއެވެ.
ލުތުފަރު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު މޫދުން ފެނިފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުއެވެ. ލުތުފަރުގެ މަރުގެ މައުލޫމާތު ދިނުމަށް ފުލުހުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސްޕްރިޑެންޓް އޮފް ޕޮލިސް ހަޝަން ޝިފާއު ވިދާޅުވި ގޮތުގައި ލުތުފަރު ވަނީ އޭނާއާ އެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާ އެކު ޖިސްނީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައިވެއެވެ.
ލުތުފަރު މަރާލުމަށްފަހު ހަށިގަނޑާ މެދު ކަންތައް ކުރި ގޮތުގެ މައުލޫމާތު ދެއްވަމުން ޝިފާއު ވިދާޅުވި ގޮތުގައި ލުތުފަރުގެ ހަށިގަނޑުގައި ތިން ބަސްތާ ވާ ޖަހައިގެން އެއްސުމަށްފަހު 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަން ހިފައިގެން ފަތާފައި ލުތުފަރު ހަށިގަނޑު ގެންދިޔަ ކަމަށެވެ. ނަމަވެސް ލުތުފަރުގެ ހަށިގަނޑުގައި ތިން ބަސްތާ އައްސާފައިވުމުން، ފަތާފައި ނުގެންދުވުމުގެ ސަބަބުން ދެ ބަސްތާ ވަނީ ތޮށިގަނޑު މައްޗަށް ދޫކޮށްފައި ކަމަށާއި އެއަށްފަހު ތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ގަންބާލީ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމްގެ އިތުރުން އަކްތަރް ހުސައިނެވެ. އެ ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ ލިބޭ އެމްޑީ އަކްތަރް ހުސައިން ޖަލުގައި ހުއްޓައި ވަނީ މަރުވެފައެވެ.
ލުތުފަރުގެ މަރުގެ ތަހުގީގު މަރުހަލާގައި ދައުވާ ލިބޭ މީހުން ވަނީ ކުށަށް އިއުތިރާފުވެ، ހާދިސާ ހިނގައިދިޔަގޮތް ކިޔައިދީ ހަށިގަނޑު އޮތްތަން ބުނެދީފައެވެ. ނަމަވެސް ކޯޓުގައި އެމީހުން ވަނީ އެ އިއުތިރާފުން ރުޖޫއަވެފައެވެ. ޖިނާއީ އިޖުރާތުގެ ގާނޫނުގައިވާ ގޮތުން އެގޮތަށް އިއުތިރާފުން ރުޖޫއަށްވެއްޖެނަމަ. އެ މައްސަލައެއް އަލުން ތަހުގީގު ކުރަން ޖެހޭނެއެވެ. އެ ތަހުގީގަށް ލިބޭނީ އަށް ދުވަހުގެ މުއްދަތެވެ.
ލުތުފަރު މަރުގެ މައްސަލަ ދެވަނަ ފަހަރަށް ތަހުގީގުކޮށް ކޯޓަށް ހުށަހެޅުމުން ކަނޑު އަޑިން ފެނުނު ހަށިގަނޑު އެއީ ލުތުފަރުގެ ހަށިގަނޑުކަމާ މެދު ގާޒީ ސުވާލު އުފެއްދިއެވެ. އެހެންވެ ލުތުފަރުގެ އާއިލާ ޑީއެންއޭ ނަގައި ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.
މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ، މި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ފާހަގަ ކުރައްވަންނެތް ނަމަ، އަންނަ މަހު މި މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށެވެ. ގާނޫނު ބުނާ ގޮތުގައި ހުސާލާ ބަޔާން އިއްވުމަށްފަހުގައި 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް ކުރަން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު