އެ މަނިކުފާނު ކެމްޕެއިން ކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ މެންބަރުންގެ ތެރެއިން އެ މަނިކުފާނަށް ފާޑުވިދާޅުވާ މެންބަރު ގޮވައިގެން ދެން އިންތިހާބަށް ނުނިކުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ، "އާސްކް ސްޕީކާ"ގެ ހަވަނަ ޕްރޮގުރާމުގައި އެ މަނިކުފާނު ކެމްޕެއިންކޮށް ހޮވި އެމްޑީޕީގެ މެންބަރުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔައި ފާޅުގައި ހުތުރު ބަސް ރައްދުކޮށް ޖެއްސުން ކުރަމުންދާއިރު، ދެންވެސް އެ ބޭފުޅުން ހޮވަން ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާނަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އަޅުގަނޑުކުރާ މަސައްކަަތަކީ ހާއްސަ ގޮތެއްގައި ސިޔާސީ މަސައްކަތްތަކެއް. ދެން އަޅުގަނޑު ދެކެނީ އެއީ އިޖުތިމާއީވެސް ކަމެއް ކަމަށް. އަދި އިގުތިސާދީވެސް ކަމެއް ކަމަށް. އަޅުގަނޑުގެ މަސައްކަތުގައި ބައެއް ފަހަރު ކާމިޔާބުވޭ. ބައެއް ފަހަރު ނާކާމިޔާބުވާ ފަހަރުވެސް ވަަރަށް ގިނައިން އާދޭ. ބައެއް މެންބަރުންގެ ހިޔާލު ވަކި ހިސާބަކުން ބަދަލުވާ ގޮތްވޭ، ހިޔާލު ބަދަލުވުމަށްފަހު އެ ބޭފުޅުން ނަފުރަތުގެ ނަޒަރަކުން ވާހަކަ ދައްކާތަންވެސް އާދޭ. އަޅުގަނޑުވެސް އެކަމާ ދެރަވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ބޭފުޅުން ގޮވައިގެން އޭރު ރައްޔިތުންގެ ކައިރިއަށް ދިޔައީ، އެއީ ރައްޔިތުން ބަލައިގަންނަ ބޭފުޅުންނަށްވާތީ ކަމަށާއި ނަމަވެސް މިހާރު އެ ބޭފުޅުން ގޮވައިގެން ރައްޔިތުންގެ ގާތަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

"ފެންނަ ފެނުމުުގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނާނެ ބޭފުޅުންނެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.