މަތީ މަގާމުތަކުގައި އަންހެނުން ގިނަވުމުން ނެރެވޭ ނަތީޖާ ރަނގަޅުވާނެ ކަމަށް ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް)ގެ ރާއްޖޭގެ ޗެޕްޓާގެ ރައީސާ އަދި "ވަން އޮންލައިން"ގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވެއްޖެއެވެ.

ވިމްގެ ހަތަރުވަނަ ޕްރޮޕެޝަނަލް އެވޯޑް ދިނުމަށް ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒުނާ އަހުމަދެވެ. އެ ރަސްމިއްޔާތުގައި ވިމްގެ ޗެއާޕާސަން ޑރ. ސުލޯޗަނާ ސެގެރާ އަދި ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިންނު ވިދާޅުވީ، ލީޑާޝިޕްގެ މަގާމުތަކުގައި އަންހެނުން ތިބުމަކީ އާންމު ކަމަކަށް ވާންޖެހޭނެ ކަމަށާއި އަންހެނުން ލީޑާޝިޕް މަގާމުތަކުގައި މަސައްކަތްކުރަން އިސްތިސްނާ ކުރެވޭނެ ހާލަތެއް އޮވެގެން ނުވާނެ ކަމަށެވެ.

"ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުން ލީޑާޝިޕުގެ މަގާމުތައް އަދާކުރާ އޯގަނައިޒޭޝަންތަކުން ނެރޭ ނަތީޖާ ރަނގަޅު. އެތަންތަނުގެ މާލީ ކުރިއެރުން ރަނގަޅުވުމުގެ އިތުރުން މަސައްކަތް ކުރަން ފަސޭހަ މާހައުލެއް ބިނާވެގެންދޭ. އަންހެނުންގެ މަސައްކަތުން ސޯޝަލް ރެސްޕޮންސިބިލިޓީ އަދި ތިމާވެށީގެ ކަންކަން ރަނގަޅުކުރަން މަގުފަހިވޭ. އަންހެނުންނަކީ ލީޑުކުރަން ރަނގަޅު ބައެއް. ހަމަ ޔަގީނުންވެސް އަންހެނުންނަށް މައެއްގެ ރޯލު އަދާކުރަމުންވެސް ވަޒީފާ އަދާކުރެވޭނެ،" މިންނު ވިދާޅުވިއެވެ.

މިންނު ވިދާޅުވީ، މުޖުތަމައަކީ އަންހެނުންނަށް ރައްކާތެރި މާހައުލަކަށް ވާންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ހުރިހާ ދާއިރާއަކުން މިންތީގެ ހަމަހަމަކަން ގާއިމުކުރެވިގެން ކަމަށެވެ. އަދި އަންހެނުން އުފުލަންޖެހޭ ބުރަތައް ކުޑަވެގެންދާނީ ފިރިހެނުން އެއިން ބައެއް ޒިންމާތައް އަދާކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.