ތ. ބުރުނި ފިނިފެންމާގެ އަލީ އީސާ މައްޗަށް ކުރި، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އަލުން ބެލުމަށް ހައިކޯޓުން، ބުރުނީ މެޖިސްޓްރޭޓް ކޯޓަށް އަމުރުކޮށްފިއެވެ.

މިއީ 26 ފެބްރުއަރީ 2020 ގައި ދައުލަތުން އަލީ އީސާގެ މައްޗަށް ބުރުނީ މެޖިސްޓްރޭޓް ކޯޓުގައި ކުރި ދައުވާ އެކެވެ.

މި ދައުވާގެ އިބުތިދާއީ މަރުހަލާގައި އަލީ އީސާގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ، އެ ދައުވާއާ ގުޅޭގޮތުން ނުވަތަ އެ ކުށުގެ އަމަލާ ގުޅޭގޮތުން އޭނާއާ އެއްވެސް ސުވާލެއްކޮށްފައި ނުވާ އަދި އެ ތުހުމަތާ ގުޅިގެން އޭނާގެ ފަރާތުން ދެކޭ ގޮތް ހާމަކުރުމަށް ފުރުސަތު ދީފައިނުވާ ތުހުމަތެއް ކަމަށެވެ.

އެހެންކަމުން އެ ދައުވާއަކީ ތަހުގީގުގައި ސުވާލުކޮށްފައިނުވާ ކުށެއްގެ ތުހުމަތުގެ މައްޗަށް އަދި ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ހައްގުތައް ލިބިނުދީ އަދި ގާނޫނާ ހިލާފަށް ހިންގާފައިވާ ބާތިލު ތަހުގީގެއްގެ މައްޗަށް އުފުލާފައިވާ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅިއެވެ.

އެ ހުށަހެޅުމާ ގުޅިގެން އެއީ ތަހުގީގުގެ މަރުހަލާގައި އިޖުރާއަތްތަކާ އެއްގޮތަށް އަލީ އީސާއާމެދު އަމަލު ކޮށްފައިވާ ދައުވާއެއް ނޫން ކަމަށާއި ތަހުގީގު މަރުހަލާގައި އަލީ އީސާއަށް ލިބެންޖެހޭ ބައެއް ހައްގުތައް ދީފައިނުވާ ދައުވާއަކަށްވާތީ މި ދައުވާ މައުލޫއީގޮތުން ކުރިއަށް ގެންދެވެން ނެތް ކަމަށް ތ. ބުރުނީ މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ.

އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ބުރުނީ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ އަލުން ބެލުމަށްވެސް ބުރުނީ މެޖިސްޓްރޭޓް ކޯޓަށް ހައިކޯޓުން ވަނީ އަންގައިފައެވެ.