ގާނޫނީ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ކެމިކަލް ވެޕަންސް ޔުނިޓެއް އުފައްދަންޖެހޭ ގޮތަށް ހިމަނައި، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކުރީ، ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ބޭނުން ވަނީ 29 މެންބަރުންނެެވެ.
މި ބިލުން ކެމިކަލް ވެޕަންސް ޔުނިޓަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރުގެ ދަށުން ބަލައި ފާސް ކުރުމާއި ބޭނުންވާ ތަކެތި ހިފެހެއްޓުމާއި ތަކެތި ނައްތާލުން ހިމެނެއެވެ. ރާއްޖެއަށް ކެމިކަލް އިންޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމުގެ ލައިސަން ދިނުމާއި އިންޕޯޓު އަދި އެކްސްޕޯޓު ކުރަންޖެހޭ ކެމިކަލްގެ ބާވަތްތައް ކަނޑައެޅުމާއި މިންވަރު ކަނޑައެޅުމުގެ ބާރުވެސް އެ ޔުނިޓަށް ދީފައިވެއެވެ.
އަދި މުއާހަދާގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވާ އެންމެހާ ވާޖިބުތައް އަދާކުރުމާއެކު ބޭރުގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާ އެ ޔުނިޓުން ހޯދަން ޖެހޭނެއެވެ.
މި ގާނޫނުގައި މަނާ ކަމަށް ކަނޑައަޅާފައިވާ ކެމިކަލް، ލައިސަންސަކާ ނުލައި ލިބިގަތުމާއި ގެންގުޅުމާއި ބެހެއްޓުން އަދި އުފައްދާ ފަރާތްތައް 100،000 ރުފިޔާއިން ފެށިގެން 1،000،000 އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ.
މި ބިލުގައި މަނާ ކެމިކަލް ގެންގުޅޭ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާކުރުމުގެ އިތުރުން ފަސް އަހަރު ދުވަހާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރުވެސް ދީފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ތަސްދީގު ކޮށްފައިވާ ގައުމުތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުން ބޭރުގައި މަނާ ކެމިކަލެއް ގެންގުޅުމަކީ ކުށެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު