ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދުއަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތްކުރި މަހުމޫދު ޝަފީގު ހުށަހެޅި މައްސަލައިގައި ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށް، އެކަމުން މިނިސްޓަރު ނަހުލާ އާއި ރުޝޫނާ މާލީ މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އުޅަނދުތައް ރަޖިސްޓްރީ ކޮށްދީފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދުގެ ދެވަނަ އިސްލާހުގެ (ޅ) ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކަމަށާއި އުޅަނދުތައް ރަޖިސްޓްރީކުރުމަށް އެ ގަވާއިދުގެ އެއްވަނަ އިސްލާހުގެ (ކ) އިން މަޖުބޫރުކުރާ، އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމު ހުށަހަޅާފައި ނުވާ ކަމަށެވެ.
އަދި އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އިރު، ނަހުލާއަށް އެޑްރެސްކޮށް މިނިސްޓްރީއަށް ހުށަހަޅާ ސިޓީ މިނިސްޓްރީގައި އެންޓްރީވެސް ނުކުރާ ކަމަށާއި އެ ސިޓީއަށް ޖަވާބުނުދީ ސިއްރިއްޔާތުގައި ރުޝޫނާ އެ އުޅަނދުތައް ރަޖިސްޓްރީކޮށްދޭ ކަމަށެވެ.
"މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވޭ،" ސިޓީގައިވެއެވެ.
ސިޓީގައި އިތުރަށް ބުނީ މި އުޅަނދުތައް އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލާ ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށާއި މިނިސްޓަރަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާ ކަމަށެވެ. އަދި އެ ސިޓީތައް އެކި ފަރާތްތަކުގެ ނަމުގައި ހުށަހެޅި ނަމަވެސް ސިޓީތަކުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި ފޮންޓުތަކަށް ބެލުމުން އުޅަނދުތަށް އެތެރެކުރީ އެއްބައެއްކަން އެނގޭ ކަމަށް ވެސް ސިޓީގައިވެއެވެ.
މީގެ ކުރިންވެސް ވަނީ އަމިއްލަ ފަރާތްތަކަކުން މިނިސްޓަރު ނަހުލާގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް ހުށަހަޅައިފައެވެ. އެފަހަރު ހުށަހެޅީ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ހެދި ގަވާއިދު ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅައި އުވާލި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު