ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގެ ވާހަކަ މީހުން ދައްކާއިރު ބިމާއި އާބާދީގެ ގޮތުން އެންމެ ކުޑަ ގައުމުތަކުގެ ވާހަކަވެސް ދައްކައެވެ. ތިރީގައި މި ބަލައިލަނީ ބިމުގެ ގޮތުން ދުނިޔޭގެ އެންމެ ކުޑަ ދިހަ ގައުމަށެވެ. މި ލިސްޓަށް ބަލާއިރު އެންމެ ގިނައިން ފާހަގަކުރެވެނީ ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައިވާ ކުދި ޖަޒީރާ ގައުމުތަކެވެ.
މިނިވަން މުސްތަގިއްލު ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ ގައުމަކީ ވެޓިކަން ސިޓީއެވެ. ސައިޒަކީ 0.19 އަކަމޭލެވެ. އެތާގެ ރައްޔިތުންގެ ގޮތުގައި ގުނެނީ 800 މީހުންނެވެ. ހަގީގަތުގައި އެއީ ގައުމެއް ނޫނެވެ. އެއީ ނަސާރާއިންގެ އެންމެ ބޮޑު ފައްޅިޔާއި އެފައްޅީގެ ބޮޑު ފާދިރީގެ އިލާގާއެވެ. ޒަމާނުއްސުރެ ވަކި ގައުމަކަށް ބަލަނީއެވެ. ވެޓިކަން ސިޓީ އޮންނަނީ އިޓަލީގެ ވެރިރަށް ރޯމްގެ މެދުތެރޭގައެވެ.
ލިސްޓުގެ ދެވަނަޔަށް އަންނަނީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިޔަށް ވާގޮތަށް ފްރާންސްގެ ގޮނޑުދޮށުގައި އޮންނަ މޮނާކޯއެވެ. އެތާގެ ބޮޑުމިނަކީ 0.78 އަކަމޭލެވެ. އެއީ ގާތްގަނޑަކަށް ހިންމަފުށީގެ ސައިޒެވެ. ލިސްޓުގެ ތިންވަނައިގައިވާ ނައުރޫގެ ބޮޑުމިނަކީ 8.1 އަކަމޭލެވެ. އޭގެ ފަހަތުން ހަތަރުވަނައަށް އަންނަނީ 10 އަކަމޭލުގެ ސަރަހައްދެއް ލިބިގެންވާ ޓުވާލޫއެވެ.
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ސެންމަރީނޯގެ ސައިޒަކީ 24 އަކަމޭލެވެ. ލިބެނީ ލިސްޓުގެ ފަސްވަނައެވެ. ލީޗްޓަންސްޓައިނަށް 62 އަކަމޭލާއެކު ލިބެނީ ހަތްވަނައެވެ. ގާތްގަނޑަކަށް 70 އަކަމޭލާއެކު 7 ވަނަ ލިބެނީ މާޝަލް އައިލެންޑަށެވެ. ސެއިންޓް ކިޓަށް 8 ވަނަ ލިބެނީ 101 އަކަމޭލުގެ ސަރަހައްދަކާއެކުގައެވެ. ޖުމުލަ 120 އަކަމޭލުގެ ބިމާއެކު ދިވެހިރާއްޖެއަށް ލިބެނީ ލިސްޓުގެ 9 ވަނައެވެ. މޯލްޓާ އޮތީ 122 އަކަމޭލާއެކު 10 ވަނައިގައެވެ.