ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ މަހުގެ 25 ވަނަ ދުވަހު މަރުވި، ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި މައުލޫމާތު ދޭން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ދެކޮޅު ހަދާ ކަމަށް އާއިލާ އިން ބުނެފިއެވެ.
އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ވަޅުލާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
އަބްދުﷲގެ އާއިލާގެ ފަރާތުން އޭނާގެ އަނބިމީހާ އާމިނަތު ލީނާ "ވަން" އަށް މިއަދު ބުނީ، އަބްދުﷲ ޑޮކްޓަރަށް ދެއްކި ލިޔެކިޔުންތަކާއި އެ މަރާގުޅޭ ގޮތުން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަންކަން ހާމަކޮށްދިނުމަށް އާއިލާއިން ތަކުރާރުކޮށް އެންއައިސީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް ކަމެއް ހާމަކޮށްފައިނުވާ ކަމަށް ބުންޏެވެ.
ލީނާ ބުނީ އަބްދުﷲގެ ޕޯސްޓުމޯޓަމް ރިޕޯޓް އާއިލާއާ ހިއްސާކުރުމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެ ރިޕޯޓްވެސް ދައްކާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ފަހަރަށް ރިކުއެސްޓް ކޮށްފިން. އެކަމަކު އެންއައިސީން ވަކި ޖަވާބެއް ނުދެއްވާ. އެ މައުލޫމާތު ދޭން ދެކޮޅު ހަދަނީ. ހައްޔަރަށް ގެންދިޔަ ފަހުން ޑޮކްޓަރަށް ދެއްކި ކަމަށް ބުނާއިރު އެ ލިޔުންތައްވެސް އާއިލާއާ ހިއްސާކުރަންޖެހޭނެ. އެކަމަކު އެވެސް ޕޯސްޓްމޯޓަމް ރިޕޯޓުވެސް އަޅުގަނޑުމެންނާ ހިއްސާކުރަން އެ މީހުން ބޭނުމެއް ނުވޭ. މިއީ ހަމަ މައުލޫމާތު ދޭން ދެކޮޅު ހެދުން ކަމަށް ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން އެންއައިސީގެ ބަހެއް ހޯދުމަށް އެތަނުގެ އޮފިޝަލަކަށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީއާއި މެސެޖު ކުރުމުންވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން އެންއައިސީގެ އޮފިޝަލް "ވަން" އަށް ވިދާޅުވީ ޕޯސްޓްމޯޓަމް ރިޕޯޓު އެންމެ ފުރަތަމަ ހިއްސާކުރާނީ އާއިލާއާ ކަމަށެވެ. އަދި އާއިލާއިން ގަބޫލުވާނަމަ މީޑިއާއަށް އެ ރިޕޯޓް ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު