މިއަހަރަށް ފާސްކުރި 36.99 ބިލިއަން ރުފިޔާގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީއިން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓަށް ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ރުހުންދީފިއެވެ.
މި ސަޕްލިމެންޓްރީ ބަޖެޓަކީ 2023 އަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓާއެކު މިއަހަރަުގެ ބަޖެޓަށް އިތުރުކުރަން ހުށަހެޅި ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި 2022ގެ ބަޖެޓުގެ ޖުމުލަ 42.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ސަރުކާރުން ތެލުގެ ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވެފައިވާ އާއި ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތުރުފަތުރާއި ލޮޖިސްޓިކްސްއަށް ހުރި ހުރަސްތައް ނެތުމާއެކު، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ބާރަށް ހިނގައިގަނެ، އެމަޝްރޫއުތަކުގެ ހަރަދު އިތުރުވެފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެސަބަބުތަކާ ހެދި މިއަހަރުގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ކުރިއަށްގެންދިޔަ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ 5،847،881،300 ބިލިއަން ރުފިޔާގެ އެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފައެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ކޮމިޓީގެ މެމްބަރުން ހުށަހެޅި ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅުން ލަސްނުކޮށް އަވަސް ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތުގެ ހަރަދުތަކަށް 34.1 ބިލިއަން ރުފިޔާ ފާސްކޮށްފައިވާ އިރު، މި އަހަރުގެ މިހާތަނަށް 31.1 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ވަނީ ހަރަދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު