ލައިފް ސްޓައިލް

ލާނެ އާ ހެދުމަކާއި މޭކަޕް ކުރެވޭނެ ގޮތެއް ނެތިއްޔާ އެއްވެސް ތަނަކަށް ނުދެވޭނެ؟

މަރިޔަމް ޝަފާ އިބްރާހިމް

ރީތިވާ މޭޒުދޮށުގައި މާގިނައިރު ހޭދަކުރެވޭތީ ވަރަށް ގިނަ ފިރިހެނުންގެ ދިމާކުރުމާއި މަލާމާތްކުރުން އަންހެނުންނަށް ކުރިމަތިވެއެވެ. އެކަމަކު ކޮންމެ މީހަކުވެސް ޒީނަތްތެެރިވުމަށް ސަމާލުކަން ދޭން ޖެހެއެވެ. ތަނަކަށް ދިއުމުގެ ކުރިން އެދާ ތަނަކާއި ގުޅޭ ގޮތުން ހެދުން އެޅުމާއި ބުރުގާ އަޅާ ފަރާތްތަކުން ފަތިފައްޗަށް ބުރުގާ އެޅުންފަދަ، މޫނާއި ދެލޮލާއި އިސްތަށިގަނޑު އޮފް ކުރުމާއި އަތްފައިގެ އިނގިލިތަކާއި ނިޔަފަތިތައް ސާފުކޮށް ރީތިކުރުމަކީ ކުރާ ކަމެކެވެ.

ހަގީގަތުގައި މިގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ އަނެކާއަށް ފަރިދެއްކުމެއް ނޫނެވެ. އެކަމަކު ތިމާގެ ޝަހުސިއްޔަތު ހާމަކުރުންވެސް އޮންނަނީ ލައިގެން ހުންނަ ހެދުމާއި މޫނުމަތިން ފެންނަ ތާޒާކަމާ ގުޅިފައި ކަމަށް ވާތީ، ތަނަކަށް ދާއިރު ރީތިވެލުމަކީ އޮންނަން ޖެހޭ، ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރާ ފަރާތްތައް މަދެއް ނޫނެވެ.

ދައްކަން މިއުޅޭ ވާހަކައަކީ ދާތަނަކާއި ގުޅޭ ކުލައަކާއި ހެދުމުގެ ވައްޓަފާޅި ގުޅުވާ ވާހަކައެވެ. ރަސްމީ ޖަލްސާއަކަށް ދާން ޓީޝާޓަކާއި ސޯޓުބުރިއެއް ލުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އަންހެނަކު ނަމަ ކުރު މިޑީއެއްގައި ދިއުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ރައްޓެއްސެއްގެ މަޖާކޮށްލާ އެއްވެލުމަކަށްދާއިރު ފާސްކުރި ހެދުމެއްގައި ދާނީ ވެސް ކާކުބާވައެވެ. ކުޑަކުއްޖެއްގެ އުފަންދުވަހުގެ ކުލަމަޖާކުރާ ޕާޓީއަކަށް އަގުބޮޑު ލޭސްފޮތީގެ ފުޅާފަސްބައިބޮޑު ހެދުމެއް ލައިގެން ދިޔައީމަ ނުވަތަ ކޯޓު ފަޓުލޫނުގައި ދިޔައީމާ ވާނީ ކިހިނެއްބާވައެވެ. އެކަމަކު ގައުމީ އިނާމު ދިނުމުގެ ޖަލްސާއަށް، މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލަށް ޓައީއާއި ކޯޓު ފަޓުލޫނު، ފާސްކުރި ހެދުމާއި ދިވެހި ލިބާސްވެސް ފުރިހަމަވާނެއެވެ.

މިފަދަ ކިތަންމެ ސުވާލެއްވެސް ކުރެވިދާނެއެވެ. އެހެންނަމަވެސް އަމިއްލައަށް އެފަދަ ކަންތައްތަކަށް ހައްލުހޯދަންވެސް އެބަޖެހެއެވެ. އެއްވެސް ހާލެއްގައި މިދައްކަނީ ތަނަކަށް ދާ ކޮންމެފަހަރަކު އަގުބިޑު ހެދުން ހޯދަން ޖެހޭ ވާހަކައެއް ނޫނެވެ.

ދާދި އިހަކަށްދުވަހު ރައްޓެއްސެއްގެ ގޭގައި ބޭއްވި އާދައިގެ މެންދުރުގެ ކެއުމެކެވެ. ހުކުރުދުވަހަށް ވީތީ އާއިލާއާއި ރައްޓެހިން ބައިވެރިވެގެން ސުފުރާމަތި ފަޅުފިލުވައިލުމަކަށް ގޮވާލީއެވެ. ގިނަ އެކުވެރިން ނާންނާތީ ދެރަވެގެން ރައްޓެހި މީހާގެ ބުނުމަކަށް އެމީހުންނަށް ގުޅައިލުމުން ދިން ޖަވާބު އިވުމުން އަމިއްލަ ނަފުސަށްވެސް ހައިރާންކަމަކާއެކު ހީނގަނެވުނެވެ.

"ލާނެ ރީތި އާ ހެދުމެއް ނެތީމަ ނުދިޔައީ. އެންމެން ޗާލުވެގެން ތިބޭއިރު ހުކުރުދުވަހާ ގުޅޭނެ ރީތި ހެދުމެއް ނެތި ތިކަހަލަ ތަނަކަށް ދާނީ ކިހިނެއް؟ އަމުދުން ޕާޓްނަރު އަތުގައިވެސް ރީތި ހެދުމެއް ނެތް."

ކޮންމެއަކަސް ވިސްނާލަންވީ ކަމަކީ، ތަނަކަށް ދާން ޖެހޭ ކޮންމެ ފަހަރަކު އަގުބޮޑު، މޮޅު ހެދުން ބޭނުން ނުވާނެ ކަމެވެ. އެ ހަފުލާއެއް، އެއްވުމެއް، ނުވަތަ ސައެއްގެ ގޮތުން "ކޮމްޕްރޮމައިޒް" ކުރެވޭނެ ލައްކަ ކަންކަން ހުންނާނެ އެވެ. އަދި ހަމަ އެހެންމެ އެ އިވެންޓެއްގެ ގޮތުން ދޫ ނުދެވޭނެ ކަންކަން ވެސް ހުންނާނެ އެވެ. މީގައި މުހިންމީ ވީ ވަރަކުން "ފްލެކްސިބަލް" ވެލައިގެން އެންމެނާ ވެސް ގުޅިގެން އުޅެވޭނެ ފަސޭހަ ދިރިއުޅުމެއް ހިޔާރު ކުރުމެވެ. ގޮތްބޮޑުކަމާއި ކަންތައްފަލަކަމަކީ ގުޅުންތައް ހީނަރުކޮށްލާނޭ ކަމެކެވެ.