މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މަރާ ގުޅޭ ގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މިއަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރިލްވާންގެ މަރުގެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މަރު ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

"ރިލްވާނުގެ މަރުގެ ތަހުގީގު ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެކަމާ ގުޅޭ ރިޕޯޓް އެ ބޭފުޅުން، އެ ކޮމިޝަނުން އަރުވާނެ،" މިއުވާން ވިދާޅުވިއެވެ.

ރިލްވާންގެ މަރާލި މައްސަލައިގައި ދައުލަތުން މިހާރު ވަނީ ތިން މީހެއްގެ މައްޗަށް ދައުވާވެސް އުފުލާފައެވެ. އެގޮތުން ދައުވާކޮށްފައިވަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) އަދި މާލެ ދަފްތަރު އަހްމަދު މުއާޒު (ގަޓު މުއާ) އަށެވެ.

އިސޫގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީއެވެ. އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި މަރާލުމަށް އެހީތެރިވެދީފައިވާތީއެވެ.

އަހަނދުގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 23 އޭޕްރީލް 2017 ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީއެވެ.

ގަޓު މުއާއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެމީހުންގެ މައްޗަށް މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ދައުވާ އުފުލި އިރު، އެ މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ރިލްވާންގެ މައްސަލައިގެ ތަފުސީލް ރިޕޯޓު މިދިޔަ އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ކުރިންވެސް ބުނެފައިވެއެވެ.