ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހަމައެކަނި 100 ޕަސެންޓް ހިއްސާވާ ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހެދި ގަވާއިދު ބަދަލުކުރަން ރައްޔިތުން މަޖިލީހުގެ ގަވާއިދު ކޮމިޓީން އަންގައިފިއެވެ.
ގަވާއިދު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު ވަނީ، ރީ-ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ބަދަލުކުރަން ބްރޯޑްކޮމްއަށް އެންގުމަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުމަށް ތާއިދުކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖުއެވެ.
ތޯރިގުގެ އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެހެންވެ ކޮމިޓީން ނިންމާފައިވަނީ ގަވާއިދު އިސްލާހު ކުރުމަށް ބްރޯޑްކޮމްއަށް ގާނޫނީ ހުއްދައެއް ނެތް ކަމަށާއި އެހެންކަމުން ބްރޯޑްކޮމްއިން ރީ-ބްރޯޑްކާސްޓުކުރުމުގެ ގަވާއިދަށް ގެނައި ބަދަލު ބަދަލުކުރަން އެންގުމަށެވެ.
ރީ-ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދު ބަދަލުކުރަން ބްރޯޑްކޮމްއަށް އަންގަން ގަވާއިދު ކޮމިޓީން ނިންމިއިރު، ހަމަ އެ ގަވައިދާ ގުޅިގެން މަޖިލީހަށް ހުށަހެޅި ގަރާރެއް ދިރާސާކުރުމުގެ މަސައްކަތް ވެސް އެ ކޮމިޓީން ދަނީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ގުޅިގެން ކުރަމުންނެވެ. އެ ގަރާރުގައި ގޮވާލާފައިވަނީ ބްރޯޑްކާސްޓިން ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ދެނެގަތުމަށް މަޖިލީހުން ތަހުގީގެއް ކުރިއަށް ގެންދިއުމަށެވެ.
މިދިޔަ ޖެނުއަރީ މަހު ބްރޯޑްކޮމުން ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ދިރާގަށް ވަނީ އެކުންފުނީގެ ޓީވީ ދެއްކުމަށް ހުރަސްތައް ކުރިމަތިވެފައެވެ. އެއީ ދިރާގުގެ 52 ޕަސެންޓް ހިއްސާދާރަކީ ބަހުރެއިން ޓެލެކޮމިއުނިކޭޝަން ކުންފުނި، ޓެލްކޯއަށް ވާތީއެވެ.
ބްރޯޑްކާސްޓިން ލައިސަންސް އާކުރަން މިދިޔަ ޖުލައި މަހު ދިރާގުން ހުށަހެޅުމުން ބްރޯޑްކޮމުން ވަނީ އާ ގަވާއިދުގެ ދަށުން ލައިސަންސް ދެވެން ނެތް ކަމަށް އެ ކުންފުންޏަށް އަންގައިފައެވެ. އެ ގަވާއިދާއެކު ދިރާގު ޓީވީއަށް 2013 ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީގައި ހަމަވުމުން ހިދުމަތް ހުއްޓާލަން ވަނީ މަޖުބޫރުވެފައެވެ.
ދިރާގުގެ ރީ-ބްރޯޑްކާސްޓިން ލައިސަންސް އާ ނުކޮށްދިނުމަށް ބްރޯޑްކޮމްއިން ނިންމުމުން އެ މައްސަލަ ދިރާގުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރީ މައްސަލައިގެ ޝަރީއަތް ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމެހެއްޓުމަށެވެ.
ބްރޯޑްކޮމްއިން ގަވާއިދަށް ގެނައި ބަދަލުގެ މައްސަލަ ދިރާގުގެ ފަރާތުން ވަނީ ހައި ކޯޓަށް ވެސް ހުށަހަޅައިފައެވެ. އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މައްސަލައެކެވެ.
ދިރާގުން ހައިކޯޓަށް ހުށަހަޅާފައިވަނީ ބްރޯޑްކޮމުން އެކުލަވާލި ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ އަށް ވަނަ މާއްދާ ބާތިލު ކޮށްދިނުމަށެވެ. ގަވާއިދުގެ އަށްވަނަ މާއްދާއަކީ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގެ (ހ)ގެ ފަސްވަނަ ނަމްބަރުގައި ބުނެފައިވަނީ ރީ-ބްރޯޑްކާސްޓް ކުރުމަށް އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ވާންޖެހޭނެ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު