ނުރައްކާތެރި ކުށްވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ކޮންޑަކްޓަޑް އިލެކްޓްރިކް ވެޕަން ނުވަތަ ޓޭޒާ ގަން ބޭނުންކުރަން ފުލުހުން ތައްޔާރުވެއްޖެއެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓޭޒާ ގަން ބޭނުންކުރަން ވިސްނަވާފައިވާކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު 2020 ވަނަ އަހަރު ތެރޭގައި ވިދާޅުވެފައިވެއެވެ. އަދި އެއާ ގުޅިގެން އެ އަހަރުގެ ތެރޭގައި ވަނީ ޓޭޒާ ގަން ބޭނުންކުރުމުގެ ޓްރަޔަލެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޓޭޒާ ގަން ބޭނުން ކުރުމާމެދު އާއްމުންގެ ގިނަ ބަޔަކު އޭރު ކަންބޮޑުވުންވެސް ފާޅުކުރިއެވެ. އެ މައްސަލަ މަޖިލީހުންވެސް ބެލިއެވެ.

ހޯމް މިނިސްޓްރީން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޓޭޒާ ގަން ބޭނުންކުރާނީ ހާއްސަ އޮޕަރޭޝަންތަކުގައި ނުކުންނަ މަދު ފުލުހުން ކަމަށެވެ. އަދި ކުށުގެ ނުރައްކާތެރިކަމާއި ސަލާމަތީ ގޮތުން ހުރި ގޮންޖެހުންތަކަށް ބަލާއިރު ފުލުހުން ވާން ޖެހޭނީ އެ މާހައުލަކަށް ފެތޭ، އެ ކުށްކުރާ ގޮތަށް ތައްޔާރުވެގެން ތިބި ބަޔަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"ޓެރަރިޒަމާއި ވައިލަންޓް ކުށްތަކުގައި ވަޅި އާއި ކަނޑި އާއި ކަތިވަޅި ހިފައިގެން ނުކުމެ އުޅޭއިރު، އެ މީހުންނާ ދެކޮޅަށް ފުލުހުން ހުސްއަތާ ނުކުމެ އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ޓޭޒާ ގަން ބޭނުންކުރަން ފަށާނެ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެކަމަށް މީހުން ތަމްރީން ކުރުން ކަމަށެވެ.

ހަމީދު އިތުރަށް ވިދާޅުވީ، ޓޭޒާ ގަން ބޭނުންކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރުކުރުމަށްޓަކައި ޓޭޒާ ގަން ބޭނުން ކުރާ ފުލުހުން ބޮޑީކެމެރާ ހަރުކުރާނެ ކަމަށެވެ.

ޓޭޒާ ގަންއަކީ ކަރަންޓު ހަށިގަނޑަށް ޝޮކެއް ދޭ ބަޑިއެކެވެ. ޓޭޒާ ގަން ޖެހުމުން ފަސް ސުކުންތައް އޭގެ އަސަރު އެމީހެއްގެ ހަށިގަނޑުގައި ހުރެއެވެ. އަދި ޓޭޒާ ގަން ޖެހުމުން އެމީހަކު ވަގުތުން ބިން މައްޗަށް ވެއްޓޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ދިވެހި ފުލުހުންގެ އަތުގައި 25 ޓޭޒާ ގަން އެބަހުއްޓެވެ.