ޚަބަރު

އަޔާދީ ތަކާފުލްގެ ކަސްޓަމަރުން ސާޕްލަސްއަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2020ވަނަ އަހަރުގެ ސާޕްލަސް ބެހުމަށް ކަނޑައަޅާ ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާ ކަސްޓަމަރުން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފިއެވެ. ތަކާފުލް ފަންޑުގެ ޖުމުލަ ފައިދާއަށް ބެލުމަށްފަހު 2020 ވަނަ އަހަރުގެ ސާޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމައި އެކަން އިއުލާންކުރީ އިއްޔެއެވެ.

ސާޕްލަސް ބެހުމަކީ ކޮބާ؟

ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމުކުރާ "ބައިވެރިންގެ ފަންޑު/ތަކާފުލް ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑުގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔައެވެ.

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެންވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއް ކަމުގައިވާ "ވަކާލާ"ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި ބައިވެރިވާ ފަރާތް (ކަސްޓަމަރު) ތަކާފުލް ޕްލޭނުގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލްއަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ފީގެ ގޮތުގައި ނަގާ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު "ބައިވެރިންގެ ފަންޑު" ގައި ބަހައްޓައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ.

މިގޮތުން ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ފީ ހުންނާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަރު" ފަންޑުގައެވެ. މި "ތަކާފުލް އޮޕަރޭޓަރު"ގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ހިދުމަތްދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.

އަޔާދީ ތަކާފުލް އިން މައުލޫމާތު ދޭ ގޮތުގައި ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެ ފައިސާ ޖަމާކުރެވޭނީ އެ ފަރާތެއް ކުންފުންޏަށް ވެރިފައިކޮށް ދެއްވާފައިވާ އެ ފަރާތެއްގެ ބޭންކު އެކައުންޓަށެވެ. މިގޮތުން އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުން އެލައިޑް ވެބް ޕޯޓަލް؛ މައިއެލައިޑްގެ "ޗެކް ސާޕްލަސް އެލިޖިބިލިޓީ" ޓެބުން ފުރިހަމަކުރެވޭނެ ކަމުގައި އަޔާދީ ތަކާފުލް އިން ބުނެއެވެ.

އަޔާދީ ތަކާފުލް އިން އިތުރަށް ބުނީ ސާޕްލަސް ލިބޭ ކަސްޓަމަރެއްކަން ޔަގީންކުރެއްވުމަށް ކަސްޓަމަރު ފްރަންޓު އޮފީސް، ހ. އޯކިޑް (އަމީރު އަހުމަދު މަގު) އަށް ވަޑައިގެންނާއި ކަސްޓަމާ ކެއާ ނަންބަރު 1600 އަށް ގުޅުއްވައިގެންވެސް އެ މައުލޫމާތު ސާފުވެގެންދާނެ ކަމަށެވެ. ނުވަތަ އެލައިޑް އެޕް މެދުވެރިކޮށްވެސް އެ ފަރާތެއްގެ ސާޕްލަސް ތަފުސީލު ބަލާލެވޭނެއެވެ.

މިގޮތުން އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަންގަވާ، ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު، މިހާލަތުގައި "2020" ގައި ބަދަލަށް (ކްލެއިމްއަށް) އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ.

އަޔާދީ ތަކާފުލް އިން ބުނީ، ސާޕްލަސްއަށް އެދި ހުށައަޅަންޖެހޭ ސުންގަޑިއަކީ 13 ޖަނަވަރީ 2023ގެ 16:00 ކަމަށެވެ. އަދި ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިން ޒަރިއްޔާއިންނާއި އަޔާދީ ކަސްޓަމަރު ފްރަންޓު އޮފީހުން ފޯމް ލިބޭނެ ކަމަށާއި ފޯމް ހުށައަޅަން ބޭނުންނުވާ ނަމަ، އޮންލައިން ޕޯޓަލް "މައިއެލައިޑް" މެދުވެރިކޮށްވެސް ސާޕްލަސްއަށް އެދެވޭނެ ކަމަށް ބުންޏެވެ.

ނޯޓް: އަޔާދީ ތަކާފުލްގެ 2020 ވަނަ އަހަރުގެ ސާޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ހުށަނާޅާ ފަރާތްތަކަށް ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރެވޭނެއެވެ.