ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވައިލައްވާފައި ވަނީ ގަވާއިދާ ހިލާފަަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ އެޖެންޑާގައި ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި އޮތީވެސް ހަމައެކަނި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.

ނަމަވެސް މަޖިލިސް ޖަލްސާގެ ފަހު ދަންފަޅީގައި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ގަރާރުގެ ބަހުސްގެ ވަކި ހިސާބަކުން، އެ ގަރާރަށް ވާހަކަދަައްކަވަން އެދިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެ ވަގުތު ޖަލްސާގައި ތިއްބެވި މެންބަރުން ވާހަކަދައްކަވައި ނިމުމުން އަފީފު ވިދާޅުވީ އެ ގަރާރުގެ ބަހުސް ނިންމާ ނުލައި، ކޮމެޓީން ހުށަހަޅާ ކަންތަކުގެ އޮތުގައި އެޖެންޑާގައި ދެން އޮތް ޓެކްސް ބިލުގެ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ ރިޕޯޓަށް ބަހުސް ކުރުމަށް އެއް ގަޑިއިރުގެ ވަގުތެއް ކަނޑައެޅިފައިވާ ކަމަށާއި އެ ވަގުތުން އެކި ޕާޓީތަކަށް ވަގުތު ދެވިފައިވާ ގޮތްވެސް ވިދާޅުވެދެއްވިއެވެ. އަދި އެ ރިޕޯޓަށް ވާހަކަދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތުވެސް ހުޅުވައިލެއްވިއެވެ. ނަމަވެސް އިރުކޮޅެއް ފަހުން ވިދާޅުވީ އެ ރިޕޯޓަށް ވާހަކަ ދައްކަވަން އެއްވެސް މެންބަރަކު ފުރުސަތަށް އެދިވަޑައިގެންފައިނުވާ ކަމަށާއި އެ ބިލަށް ވޯޓަށް އަހަން ބޭނުންވާ ކޯރަމްވެސް ނެތް ކަމަށެވެ.

އެ ހިސާބުން މެންބަރުން އަޑުގަދަކުރަން ފެއްޓެވިއެވެ. ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ ކޯރަމް ނުގެއްލޭ ކަމަށެވެ. އަނެއްބައި މެންބަރުން އަޑުގަދަ ކުރެއްވީ، ބިލަށް ވޯޓަށް އެހުމުގެ ކުރިން ޖަހާ ފަސް މިނެޓުގެ ރަނގަބީލު ނުޖަހައި އެގޮތަށް ނުނިންމޭނެ ކަމަށް ވިދާޅުވެއެވެ.

މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލިސް ތަޅުމުގައި ވޯޓު ނެގުމުގެ ކުރިން ކޮމިޓީ ރިޕޯޓަށް މެންބަރުން ބަހުސް ކުރެއްވުމަށް ހުޅުވާލަންޖެހެއެވެ. އަދި އެކަމަށް މެންބަރުން އެދިވަޑައިނުގަންނަވާ ނަމަ އެ ބިލެއްގެ ތިންވަނަ ކިއުން އިއްވަންޖެހެއެވެ. އެއަށްފަހު ޖެހެނީ ވޯޓު ނެގުމުގެ ކުރިން ކޯރަމް ހަމަކުރަން މެންބަރުންގެ ސަމާލުކަމަށް ގެނައުމަށް ޖަހާ ފަސް މިނެޓުގެ ވޯޓު ރަނގަބީލު ޖަހާށެވެ.

އެ ރަނގަބީލު ޖަހާނީ ރިޔާސަތުން އެކަމަށް އެންގުމުންނެވެ. އެއީ މަޖިލީހުގެ ގޯތިތެރެއާއި ބައެއް ކޮމިޓީތަކުގައި މެންބަރުން ތިއްބަވާނެތީ ވޯޓުގައި ބައިވެރިވުމަށް އެ މެންބަރުން މަޖިލިސް ތަޅުމަށް ވަޑައިގަންނަވަން ޖެހޭކަން ސަމާލުކަމަށް ގެނައުމަށެވެ. އެގޮތަށް ވޯޓުގެ ރަނގަބީލު ޖެހުމަށްފަހު މަޖިލިސް ގޯތިތެރޭގައި މެންބަރުން ތިބިތޯ ބެލުމަށް ޖަލްސާގެ ރިޔާސަތުން ބައެއް ފަހަރު މީހުންވެސް ފޮނުވައެވެ.

ނަމަވެސް އިއްޔެގެ ޖަލްސާގައި ބިލުގެ ތިންވަނަ ކިއުމެއްވެސް ނީއްވައެވެ. ވޯޓުގެ ރަނގަބީލު ޖެއްސެވުމަކަށްވެސް އަފީފު ނާންގަވައެވެ. މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން، މެންބަރުންގެ ހަޅޭކުގެ ތެރެއިން އަފީފު ވިދާޅުވީ، "ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 ނޮވެމްބަރު 2022 ވަނަ އަންގާރަ ދުވަހު ހެނދުނު 9:00ގައި،" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިމުނުގޮތާ ގުޅޭ ގޮތުން މެންބަރުންނަށް އޮޅުން އަރާފައިވާ ކަމަށެވެ. އެގޮތުން ޖަލްސާ ނިންމަން އޮންނަނީ އެންމެ ގޮތެއް ކަމަށާއި އެއީ "ވަލްހަމްދު ލިއްލާހި ރައްބިލް އާލަމީން މަޖިލިސް ނިމުނީ،" ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަހުސް ނިމުމަށްފަހު ކަމަކަށް ވޯޓަށް އެހުމަށް ތިންވަނަ ކިއުން ކިޔާނެ ކަމަށާއި އިއްޔެގެ ރިޕޯޓުގެ ތިންވަނަ ކިއުން އިއްވާފައިނުވާތީ ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ.

"ބަހުސްގެ މަސައްކަތް އެކަނި ކުރިއަށް ގެންގޮސްފައި އޮތީ، ބަހުސަށް ހުޅުވައިލުމާއި މަޖިލިިސް ނިންމާލުމާ ދެމެދު މަޖިލީހުގެ ރިޔާސަތުން ވިދާޅުވާ ވާހަކަތައް ޔައުމިއްޔާ ކުރެވޭނެ އެހެންވީމާ މަޖިލީހުގެ ނިންމުން ގަވާއިދާ ހިލާފު ކަމަށް މެންބަރުންނަށް އޮޅިވަޑައިގެންފައިވާތީ އަޅުގަނޑު މި ދެންނެވީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.