ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމްއަށް އިންޒާރުދީ، އަނިޔާވެރިވުމަށް ގޮވާލަމުންދާ ކަމަށްބުނެ، އެކަން ބެލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
ރޮޒެއިނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މުޅި ގޭންގް އޭނާއާ ޖައްސާލަން ފޮނުވާފައިވާ ކަމަށާއި ނަޝީދުގެ ބޭނުންފުޅަކީ އެމަނިކުފާނާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް ވާނެ ގޮތް ދައްކާލުން ކަމަށެވެ.
"ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރުމާއި ބުލީ ކުރުން ފަދަ ކަންކަން ކުރަނީ އޭނާއާ ދެކޮޅަށް އިތުރު މީހަކަށް ތެދުވަން ނުކުރެވޭވަރު ކުރުމުގެ ގޮތުން" ރޮޒައިނާ ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި އިހުތިރާމާއެކު މުއާމަލާތް ކުރަން ޖެހޭ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އަނިޔާ ކުރުމަށް ގޮވާލައި ހިތްވަރުދިނުން ނުހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ.
"މިޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން. އަދި ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ގާނޫނީ އިމުގެ ތެރެއިންކަން މިޕާޓީން އަބަދުވެސް ގަބޫލު ކުރާނެ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަކީ އެ ޕާޓީގެ ސިޔާސަތެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ހިމެނޭ ހަތަރު އަންހެން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކަށް އަދި އެ ޕާޓީގެ އަންހެން ރޫހުގެ ރައީސްއަށް އަނިޔާވެރިވުމަށް ފާޅުގައި ގޮވާލި މައްސަލަ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.
ރޮޒެއިނާ އަނިޔާވެރިވުމަށް ގޮވާލި މައްސަލަ ކަމާގުޅުން ހުރި އިދާރާތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
އެމްޑީޕީ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަން އުފެދި، ދެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. ދެ ފެކްޝަންގެ ކޯޅުން މިފަހުން ބޮޑުވީ، ބަޖެޓް ބަހުސްގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާ ދެކޮޅަށް ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން ވާހަކަ ދެއްކެވުމާއެކުގައެވެ. އެންމެ ބޮޑު ކޯޅުމެއް އޮތީ، ރައީސް ސޯލިހުގެ ފެކްޝަނުގެ ރޮޒައިނާ އާއި ނަޝީދުގެ ފެކްޝަނުގެ މެންބަރުންގެ މެދުގައެވެ.
ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން މިހާރު ގެންދަވަނީ ރޮޒައިނާއާ ދެކޮޅަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ތަފާތު ވާހަކަތައް ދައްކައި ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ރޮޒެއިނާ ގެންދަވަނީ އެ ހުރިހާ ބަހުގެ ހަމަލާތަކަށް ރައްދު ވެސް ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު