އެފްއޭއެމުން އެކި ފަރާތްތަކަށް ދައްކަން ޖެހި ނުދައްކާ އޮތް ފައިސާތަކުގެ މައްސަލައިގައި ސަރުކާރުން ނަގަންޖެހެނީ ކޮން ފިޔަވަޅެއްތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރަން އޮތް ވަގުތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިލިޔާސް މަހުލޫފާ ސުވާލު ކުރެއްވީ އެފްއޭއެމުން އެކި ފަރާތްތަކަށާއި ކުޅުންތެރިންނަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ މައްސަލައިގައި މިނިސްޓްރީން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ، މިނިސްޓްރީން އެފްއޭއެމްއަށް ދޭންޖެހޭ ފައިސާއެއް ނުދީގެން، އެ އެސޯސިއޭޝަނުން އެއްވެސް ފަރާތަކަަށް ފައިސާ ނުދެވިފައި އޮވެގެން ނުވާނެ ކަމަށެވެ. އަދި އެފްއޭއެމް ފަދަ އެސޯސިއޭޝަންތަކަކީ ދަރަންޏަށް ޒިންމާވާ ގޮތަށް އުފެދިފައިވާ ތަންތަން ކަމަށާއި އެކަމުގައި ޔޫތް މިނިސްޓްރީގެ އެއްވެސް ޒިންމާއެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެ އުޅެނީ ސީދާ އެ ސޯސިއޭޝަނުން ކޮށްފައިވާ މަސައްކަތެއް ނޫން ނަމަ ހަދަންޖެހޭ ޕޭމަންޓްތަކެއް ނުހެދިގެން އުޅޭ މައްސަލައެއް، ނެޝަނަލް އެސޯސިއޭޝަންތަކަކީ އެ މީހުން އަމިއްލައަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފެދިފައިވާ ތަންތަން، އެހެންވީމަ ޔޫތް މިނިސްޓްރީގެ ޒިންމާއެއް ނެތް އެއިން އެއްވެސް ދަރަންޏަކާ ދޭތެރޭގައި،" މަހުލޫފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެފްއޭއެމްގެ ދަރަނީގެ މައްސަލައިގައި މިނިސްޓްރީގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.
އެހެންކަމުން އެކަން ހައްލު ކުރެވޭނީ ކިހިނެއްތޯ ބަލައި، އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.
"މިފަހުންވެސް ޔަގީންކަން ދެއްވާފަ އެބަ އޮތް ވަރަށް އަވަހަށް އެކަން (ދަރަނި ދައްކާ) ނިންމާނެ ކަމަށް، އެއާއެކީގައި ސަރުކާރުން މީގައި ނަގަންޖެހޭނީ ކޮން ފިޔަވަޅެއްތޯ ބެލުމަށް މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މިދަނީ މަޝްވަރާކުރަމުން،" މަހުލޫފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު