ލ އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އިއްޔެ އިން ފެށިގެން ލ. މާންދޫގައި ކުރަމުން އަންނަ މުޒާހަރާ ތެރެއިން ފުލުހެއްގެ ބޯ ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން "ވަން" އަށް މިރޭ ވިދާޅުވީ، މާންދޫގައި މަސްވެރިން ކުރިއަށް ގެންދާ މުޒާހަރާ ތެރެއިން މީހަކު އެއްލި އެއްޗަކުން ޖެހި ފުލުހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ބޯ ފަޅައިގެން ދިޔަ ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ދެ އަތޮޅުގެ މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ ގިނަ ދުވަސްވަންދެން ފައިސާ ނުދީ ހުރި ބިލްތަކަށް ފައިސާ ދިނުމަށާއި މަސްވެރިންނަށް ވިއްކާ އައިސް އާއި ތެޔޮ ލިމިޓުކޮށްގެން ވިއްކުން ހުއްޓާލަން ގޮވާލާއެވެ. ގިނަ އަދަދެއްގެ ފުލުހުންވެސް މިހާރު މާންދޫގައި ހަރަކާތްތެރިވަމުން އަންނައިރު، އާންމުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ކުރިމަތިލުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މިވަގުތު މުޒާހަރާ ކުރަމުން އަންނަ މަސްވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ މާންދޫން މަސްވެރިންނަށް 21 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ. ފައިސާ ނުދޭ ބިލްތަކުން ކެނޑޭ ގޮތަށް އައިސް އާއި ތެޔޮވެސް ދޫނުކުރާ ކަމަށެވެ.

އޭނާ ބުނީ މުޒާހަރާ ކުރަން ނިންމީ އެއްވެސް ގޮތަކަށް ވާހަކަ ދައްކައިގެން މިކަން ހައްލުނުވުމުން ކަމަށެވެ. މުޒާހަރާ ހުއްޓާލާނީ ފައިސާ ދެވޭނެ ދުވަހަކާއި މަސްވެރިން ޑިމާންޑުކުރާ ކަންކަން ހައްލުކުރުމުން ކަމަށެވެ.

އެތަނުގައި އެވަގުތު ހުރި އެހެން މަސްވެރިޔަކު ބުނީ އިއްޔެއިން ފެށިގެން މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އެއްވެސް ޖަވާބެއް މިހާތަނަށްވެސް ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރަން ނުޖެހޭ ހާލަތުގައި ބޭނުންކުރި ކަމަށާއި އެހެންވެ މަސްވެރިން އެމީހުންގެ ދިފާއުގައި ވެލި އުކި ކަމަށް އޭނާ ބުންޏެވެ. އަދި އިތުރު ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ފުލުހުންނާވެސް ކުރިމަތި ނުލުމަށް މަސްވެރިންނަށް ނަސޭހަތްދީފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.