ޒިޔާރަތް ފަދަ ތަންތަނަށް ދިދަ ނެގުމަކީ ސަގާފީ އާދައެއް ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް 30 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު މާލޭގެ މެދު ޒިޔާރަތުގައި އިހު ހުރި ގޮތަށް މި މަހުގެ 11 ވަނަ ދުވަހާދިމާކޮށް ވަނީ ދިދަ ނަގައިފައެވެ.
އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ, މާލޭގެ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ އެތަންތަނަށް ކުރަމުން އައި އިހުތިރާމު ދެމެހެއްޓުމުގެ އިތުރުން އާސާރީ ތަންތަން އިހު ހުރި ގޮތުގެ ސަގާފަތް ގެއްލުނަ ނުދީ އެކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މެދު ޒިޔާރަތުގައި ދިދަ ނެގުމުގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ފާނޫޒު ބަންތިތައްވެސް ބަދަލުކޮށް, ކަރަންޓުން ދިއްލޭ ގޮތަށް ހެރިޓޭޖް މިނިސްޓްރީން ހެދިއެވެ.
މާލޭ މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެއަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލައިފައިވެ އެވެ.
މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އެ ތަނަށް ނަދުރު ބުނުން ސަރުކާރުން މަނާކުރީ 1957ގަ އެވެ. މެދު ޒިޔާރަތް ބިނާ ކުރި ސީދާ ތާރީހު އެނގޭން ނެތް ނަމަވެސް ކުރިން ފަނުން ހަދާފައި ހުރި އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.
އެހެން ނަމަވެސް، މެދު ޒިޔާރަތުގައި ދިދަ ނަގަން ފެށުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުން ވަނީ އެ ދިދަތައް ނަގައިފައެވެ. ދިދަތައް ނަގަން ނިންމައި ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނީ އެއީ ރައީސް އޮފީހުގެ ނިންމުމެއް ކަމަށެވެ.
މި ދިދަތައް ނަގަން ނިންމީ، އެއީ ސަގާފީ ކަމެއް ނޫން ކަމަށާއި އެއީ ބިދުއައެއް ކަމަށް ބުނެ، އެކަން ހުއްޓާލުމަށް ދީނީ ބައެއް އިލްމުވެރިން ސަރުކާރަށް ގޮވާލަން ފެށުމުންނެވެ. ބައެއް އިލްމުވެރީން ދިޔައީ ސޯޝިއަލް މީޑިއާގައި ވެސް ފާޑުވިދާޅުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު