ފިލްމީ ތަރި އާމިނަތު ރިޝްފާ 37އ، އާއި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނައިޝާ އާދަމް ނަސީރު (ހުނޫ) 26އ، މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތު ފުލުހުން ކޮށްފިއެވެ.

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ. އެއީ 23-38 އަހަރާ ދެމެދުގެ ހަތަރު އަންހެނަކާއި އަށް ފިރިހެނުންނެވެ. އެ މީހުން ހައްޔަރުކުރީ ހ. ގެއެއްގެ ތެރޭގައި ދެ ޖިންސު މަސްހުނިކޮށް ޑްރަގާއެކު ޕާޓީކުރަން ތިއްބައެވެ.

ރިޝްފާގެ ބަންދަށް ކުރިމިނަލް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ. ހުނައިޝާގެ ބަންދަށް ދީފައިވަނީ ހަތް ދުވަހެވެ.

ރިޝްފާ ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައި އޭނާ ހައްޔަރުކުރި ތަނުން މަސްތުވާތަކެތި ފެނިފައިވެއެވެ. ހުނައިޝާ ބަންދުކުރި ކޯޓު އަމުރުގައިވަނީ، އޭނާގެ މައްޗަށް ކުރަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތު ކަމަށާއި އެ މައްސަލައިގައި ގިނަ ބަޔަކު ޝާމިލްވާތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

މީގެ ކުރިން ހުނައިޝާ ހައްޔަރުކުރި މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެ މައްސަލަތައް ކޯޓުގައި ކުރިއަށް އެބަދެއެވެ.

  • މަރިޔަމް ޝާމިހާ 27އ: ތިން ދުވަސް
  • މަރްޔަމް ސަފާ- 31އ: 30 ދުވަސް
  • ތިބުޔާން އަހުމަދު 27އ: 15 ދުވަސް
  • އިބްރާހިމް ރިޝްވާން 26އ: 15 ދުވަސް
  • އަހުމަދު ރާޖިހު 23އ: 30 ދުވަސް
  • ހުސައިން ރަޝީދު 23އ: 30 ދުވަސް
  • މުހައްމަދު މުއައްމަރު 36އ: ފަސް ދުވަސް
  • ހަސަން ސާއިމް 26އ: ފަސް ދުވަސް
  • އިސްމާއިލް މުނައްވަރު 34އ: ފަސް ދުވަސް
  • 38 އަހަރުގެ މީހެއް (ވަނަވަރު ހާމަކޮށްފައެއް ނުވޭ) 30 ދުވަސް