މަސްވެރިން ލ. މާންދޫގައި މުޒާހަރާކުރަން ފަށައިފިއެވެ.

މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ ބިލްތަކަށް ފައިސާ ނުދޭތީ އާއި މާންދޫން މަސްވެރީންނަށް ވިއްކާ އައިހާއި އާއި ތެޔޮ ލިމިޓުކޮށްފައިވާތީ ކަމަށް ބުނެއެވެ.

މި ވަގުތު މާންދޫގައި މުޒާހަރާގައި ބައިވެރިވާ މަސްވެރިޔަކު "ވަން" އަށް ބުނީ މިއަދު ހެނދު 7:30 އިން ފެށިގެން މަސްވެރިން މުޒާހަރާ ކުރަން ފަށާފައިވާ ކަމަށެވެ.

އޭނާ ބުނީ މަސްވެރިންނަށް ފައިސާ ނުދޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

"އެބަހުރި އަހަރެއް ވެފަހުރި ބިލްތައްވެސް ފައިސާނުދީ. ފައިސާ ލިބޭނެ ދުވަހެއް ނޭނގެ. އަޅުގަނޑުމެންވެސް ކާންބޯން ކުރާ މަސައްކަތް، ދަތިވާނެ ކަން ވެރިންވެސް ދަންނަންވާނެ." އޭނާ ބުންޏެވެ.

މުޒާހަރާގައި ބައިވެރިވާ އެހެން މަސްވެރިޔަކު ބުނީ މިހާރު ސުލްހަވެރިކަމާއެކު މަޑުކޮށްގެން ތިބީ މާންދޫގެ މެނޭޖުމެންޓާއި ބައްދަލުކޮށް ވާހަކަ ދައްކައި އެމީހުންގެ ޖަވާބަކަށް ކަމަށެވެ. ނަމަވެސް އެ މީހުންނަށް ދީފައިވާ ވަގުތު ހަމަވުމުން މުޒާހަރާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

"މާންދޫ މެނޭޖުމަންޓުން އެމީހުންގެ މަތީ މީހުންނާ ވާހަކަ ދެއްކޭ ކަމަކަށް ނުވޭ. އެކަމަކު އަހަރުވެފައިވާ ބިލުތަކަށް ފައިސާ ދެއްކޭނެ ދުވަހެއް އެނގެންވާނެ ދެއްތޯ؟ އެހެންވެ އެމީހުންނަށް މަތީ ބޭފުޅުންނާއި ވާހަކަ ދައްކައި ޖަވާބެއް ހޯދަން މެންދުރު 12:00 އާ ހަމަޔަށް މުހުލަތެއް ދީފަ މިއޮތީ. އެ މުހުލަތު ހަމަވީމަ އަޅުގަނޑުމެން މަޑަކުން ނުތިބޭނަން. ވަރަށް ކެތްކުރެވިއްޖެ." އޭނާ ބުންޏެވެ.

ގިނަ މަސްވެރިންތަކެއް މި މުޒާހަރާގައި ބައިވެރިވެފައިވާއިރު، މަސްވެރިން ގޮވަމުން އަންނަނީ ސަރުކާރުން މަސްވެރިންނަށް ތެޔޮ ވިއްކަން ބުނެފައިވާ އަގަށްވުރެ ބޮޑު އަގުގައި ތެޔޮ ނުވިއްކުމަށެވެ. ތެލާއި އައިސް ލިމިޓުކޮށްގެން ވިއްކުން ހުއްޓާލައި މަސްވެރިންނަށް ބޭނުންވާ ވަރަށް އެ ދޫކުރުމަށްވެސް އަންނަނީ ގޮވަމުންނެވެ.

އޭގެ އިތުރުން ފައިސާ ނުދީ ހުރި ބިލުތަކަށް ފައިސާ ދިނުމަށާއި މަސްވެރިންގެ ހައްގުތަކަށް ނޭރުމަށްވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ބުނީ މުޒާހަރާ ހުއްޓާލާނީ ފައިސާ ދެވޭނެ ދުވަހަކާއި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބުމުން ކަމަށެވެ.

މިކަމާ ގުޅިގެން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މެނޭޖަރު އަބްދުލް ރައްޒާގު ޔޫސުފް "ވަން" އަށް މިއަދު ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދީ ހުރި ބިލްތައް ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އެއް އަހަރު ދުވަސްވެފައި ހުރި ބިލްތަކެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކްރެޑިޓް ބިލްތަކެއް ހުންނާނެ. އެކަމަކު އެއީ އެއް އަހަރުވެފައި ހުރި ބިލުތަކެއް ނޫން. އެއްމަސްވެސް ނުވާނެ އެ ބިލްތަކަށް. އަހަރުވަންދެން ފައިސާ ނުދީ ނުބަހައްޓަން." އޭނާ ވިދާޅުވިއެވެ.

ރައްޒާގު ވިދާޅުވީ މަސްވެރިންނަށް ވިއްކާ ތެލަކީ އެސްޓީއޯ އިން މާންދޫއަށް ވިއްކާ ތެލުގެ އަގަށް ބަލާފައި އެ އަގާ އެއްގޮތަށް ވިއްކާ ތެލެއް ކަމަށެވެ. މިފްކޯއަށް ދޭ އަގާއި އެއް އަގެއްގައި އެތަނަށް ސަރުކާރުން ތެޔޮ ނުވިއްކާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްވެސް ތާކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ފޯރުކޮށްނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.