ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، ޕަބްލިކް ބޭންކް އެކައުންޓުން (ޕީބީއޭ) އޯވަޑްރޯ ކޮށްފައިވާ ފައިސާ ނުވަތަ ޗާޕު ކޮށްފައިވާ ފައިސާ އެމްއެމްއޭއަށް އަނބުރާ ދައްކަން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިނުވާތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް އެމްއެމްއޭއިން ހުށަހަޅާފައިވާ ލަފާގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެއެވެ.

އެއްކަމެއް ގޮތުގައި ފާހަގަކޮށްފައިވަނީ ކޮވިޑާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޕީބީއޭއިން އޯވާޑްރޯ ނުވަތަ ޗާޕުކޮށްފައިވާ ފައިސާ އަނބުރާ އެމްއެމްއޭއަށް ދައްކަން ބަޖެޓުގައި ހިމަނާފައި ނުވުމެވެ.

މަރުކަޒީ ބޭންކުން މިގޮތަށް ނަގާ ފައިސާ 91 ދުވަހުގެ ތެރޭގައި ދައްކައި ނިންމަންޖެހެއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެ ދައުލަތަށް އާމްދަނީ ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން ޗާޕުކުރާ ފައިސާ ކުޑަ އިންޓަރެސްޓެއްގައި 50 އަހަރުގެ ތެރޭ ދައްކަންޖެހޭ ބޮންޑަކަށް ބަދަލުކޮށް 2023 ވަނަ އަހަރު ނިމެން ވާއިރަށް ފައިސާ ޗާޕުކުރެވޭ ގޮތަށް ސަރުކާރުން ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާ ސަސްޕެންޑުކޮށް އިސްތިސްނާއެއް ހޯދައިފައެވެ.

ބަޖެޓާ ގުޅިގެން އެމްއެމްއޭ އިން މަޖިލީހަށް ހުށަހަޅާފައިވާ ލަފާގައި ބުނެފައިވާ ގޮތުން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކުންނާއި އެތެރޭގެ މާކެޓުން ފައިނޭސް ހޯދުމަށް މި ދަނޑިވަޅުގައި ދަތިވެފައިވާތީ އަންނަ އަހަރު 4.4 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ޗާޕުކުރަންޖެހިދާނެ ކަމަށެވެ. އެއީ ފައިސާ ޗާޕުކުރެވޭނެ އެންމެ މަތީ އަދަދެވެ.

އެމްއެމްއޭ އިން ބުނީ މި އަހަރު ޗާޕުކުރި ފައިސާގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލުކޮށްފައިވާއިރު އަންނަ އަހަރު އޯވާޑްރޯ ކުރާ ފައިސާ އިން ބައެއް ސެކިއުރަޓައިޒް ކުރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށާއި އެއީ ބޭރުގެ މާލީ އިދާރާތަކުންނާއި ހުދު އެ އޮތޯރިޓީންވެސް ލަފާ ދޭ ކަމެއް ނޫން ކަމަށެވެ.

އަދި ޑޮމެސްޓިކް މާކެޓް އަދި ޕީބީއޭ އޯވަޑްރޯކޮށްގެން ސަރުކާރުގެ ފައިނޭންސް ހަމަޖައްސާ ނަމަ، އިގުތިސާދުގައި ދައުރުވާ އެކްސެސް ރުފިޔާގެ ލިކިއުޑިޓީ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ބޮޑުވެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ، އެ ހާލަތުގައި އެމްއެމްއޭގެ އޯޕަން މާކެޓް އޮޕަރޭޝަން އަލުން ފަށަން ޖެހި އޭގެ ސަބަބުން ސަރުކާރުގެ ޓީބިލްތަކަށް ވިޔަފާރި ބޭންކުތަކުން އިންވެސްޓު ކުރާވަރު މަދުވާނެ ކަމަށާއި އޭރުން ޓީބިލް ވިއްކަން ޖެހޭނީ ބޮޑެތި އިންޓަރެސްޓް ރޭޓުގައި ކަމަށެވެ.

އެހެންކަމުން އެމްއެމްއޭގެ ލަފާގައި އެދިފައިވަނީ ޕީބީއޭ އޯވަޑްރޯ ކުރެވޭނެ މުއްދަތާއި އޯވަޑްރޯ ކޮށްފައިވާ އަދަދު ސެކިއުރަޓައިޒް ކުރެވޭނޭ ގޮތްތަކާއި މުއްދަތު ގާނޫނުގައި ލިޔުމުގެ ބަދަލުގައި އެ ބާރަކީ އެމްއެމްއޭއަށް އޮންނަ ބާރެއްގެ ގޮތުގައި ހެދުމަށެވެ.

އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ދައުލަތުގެ ދަރަންޏާއި ޕްރައިމަރީ ބެލެންސް އަދި އޯވަރޯލް ބެލްސް ހިފަހައްޓަން ބުނެފައިވާ މިންގަނޑުތަކަކީ މިވަގުތުގެ ހާލަތުން ރިއަލިސްޓިކް މިންގަނޑުތަކަކަށް ނުވާތީ ގާނޫނުގައިވާ އެފަދަ ކަންކަން ބަދަލުކޮށް ދިނުމަށްވެސް އެދިފައިވެއެވެ.

އޭގެ އިތުރުން ރިއަލިސްޓިކް މިންގަނޑުތަކެއް ގާނޫނުގައި ހިމަނައި އެކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކަށް ގާނޫނު އިސްލާހުކޮށް ދިނުމަށާއި އެ އިސްލާހުތައް އަވަސް ކޮށްދިނުމަށްވެސް އެމްއެމްއޭގެ ލަފާގައިވެއެވެ.