އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓުގެ އެވޯޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލީޑިން އެއާޕޯޓްގެ އެވޯޑް މި ލިބުނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން މިދިޔަ ތިން އަހަރު އެ އެވޯޑް ލިބުނީ މޮރިޝަސްގެ, ސާ ސީވޫސަގުރް ރަމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރުމަށްފަހު, އެއާޕޯޓަށް އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓްގެ އެވޯޑް ފުރަތަމަ ލިބުނީ 2017 ވަނަ އަހަރެވެ. އަދި ޖެހިގެން އައި 2018 ވަނަ އަހަރުވެސް އެ އެވޯޑް ލިބުނެވެ.
އޭގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގައި އެއާޕޯޓް ހިންގި އިރު, 2013 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ހަތަރު ފަހަރު ލީޑިން އެއާޕޯޓްގެ އެވޯޑް ލިބިފައިވެއެވެ.
އަދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގައި ހިންގި އިރު, 2004 އަދި 2005ގެ އިތުރުން 2008 އަދި 2009 ގައާއި 2012 ވަނަ އަހަރުވެސް އެ އެވޯޑް ލިބިފައިވެއެވެ.
މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓްގެ އެވޯޑް ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓަށް ލިބުނީ, ރީޔޫނިއަން, މަޑަގަސްކަރަ, ސީޝެލްސް އަދި މޮރިޝަސްގެ އެއާޕޯޓާ ވާދަކޮށްގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު