ށ. ބިލެތްފަހި ފެރީ ހަޓާއި ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ބިލެތްފަހި ފެރީ ހަޓަކީ އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހިދުމަތުގެ ދަށުން ތަރައްގީކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެ ފެރީ ހަޓަކީ އާރުޓީއެލް ފެރީ ނިޒާމުގެ ޒޯން އެކެއްގައި ހިމެނޭ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

ބިލެތްފަހި ފެރީ ހަޓް ތަރައްގީކޮށްފައިވަނީ ކިއޮސްކަކާއި ޔުނިވާސަލް ފާހާނާއަކާއި ވެއިޓިން އޭރިއާ ވެސް ހިމެނޭ ގޮތަށެވެ.

އެމްޓީސީސީން މަސައްކަތް ނިންމާލާފައިވާ ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 39.9 މިލިއަން ރުފިޔާއެވެ.

އެ މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދެއް ކޮނުމާއި 803 މީޓަރު ބޭރުތޮށި 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.