މި އަހަރުގެ ވޯލްޑްކަޕާ ދިމާކޮށް، ވަން މީޑިއާ ގުރޫޕުން ނެރޭ "ވަން ވޯލްޑްކަޕް ގައިޑް 2022" ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

ވޯލްޑް ކަޕް ފެށެން 10 ދުވަހަށް ވެފައިވާ އިރު، ވަން އިން ނެރޭ މި ގައިޑް ވެގެން ދާނީ މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ނެރޭ އެންމެ ތަފުސީލު ގައިޑަށް ކަމަށް ވަން ގެ ސޭލްސް އެންޑް މާކެޓިން ޓީމުން ބުނެއެވެ.

ވޯލްޑް ކަޕާ ގުޅޭ ގޮތުން ކިޔުންތެރީންނަށް ބޭނުންވާނޭ ހުރިހާ މައުލޫމާތެއް ވަރަށް ވެސް ތަފުސީލާއެކު މި ގައިޑުގައި ހިމަނާފައި ވާނޭ ކަމަށް ގައިޑުގެ ކޮންޓެންޓް ޓީމުން ވަނީ މައުލޫމާތު ދީފަ އެވެ.

ވަން އޮންލައިންގެ މެނޭޖިން އެޑިޓަރު، އަލީ ރިފްޝާން ވިދާޅުވީ، 200 ވަރަކަށް ސޮފުހާގެ މި ގައިޑަކީ މި ފަހަރުގެ ވޯލްޑްކަޕްގެ ފުރިހަމަ މައުލޫމާތު ބޭނުންވާ، ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށްވެސް މުހިންމު ފޮތަކަށް ވާނެ ކަމަށެވެ. ކިޔުންތެރީން ޝައުގުވެރިވާނެ ތަފާތު ގިނަ މައުލޫމާތުތައް މި ފޮތުގައި ހިމަނާފައި ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މުބާރާތުގެ ތާރީހު، މުބާރާތުގެ ތަށި، މުބާރާތުގެ މެސްކޮޓް، މުބާރާތުގެ ބޯޅަ އަދި ކުޅޭ ހުރިހާ ޓީމުތަކެއްގެ އެންމެ ފުރިހަމަ މައުލޫމާތު ފޮތުގަ ހިމަނާފަ ހުންނާނެ. މީގެ އިތުރުން، ރެފްރީންނާއި ގަތަރުގެ ތައްޔާރީތަކާއި ކޯޗުންނާއި ކުޅުންތެރީންނާއި މިފަހަރުގެ ތަރީންނާ ގުޅޭ ގިނަ ވާހަކަތައް ވެސް ހުންނާނެ. މުބާރާތް ކުޅޭ ސްޓޭޑިއަމްތަކާއި އެނޫން ވެސް ޝައުގުވެރި ވަރަށް ގިނަ ވާހަކަތައް ހުންނާނެ. މީގެ އިތުރުން ކިޔުންތެރީންނަށް ސަޕްރައިޒެއްގެ ގޮތުގައި ލިބޭނެ ބައެއް މައުލޫމާތު ވެސް މި ގައިޑުގަ ހުންނާނެ." ރިފްޝާން ވިދާޅުވި އެވެ.

ވަން ވޯލްޑްކަޕް ގައިޑުގެ ކޮންޓެންޓް އެޑިޓަރު، އަދި ރާއްޖޭގެ މަޝްހޫރު ކުޅިވަރު އެނަލިސްޓް، އިމާދު ލަތީފު ވިދާޅުވީ މި ފަހަރުގެ ވޯލްޑްކަޕާ ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާ ފުޓުބޯޅަ ފޭނުންނަށް ވަން އިން މި ނެރޭ ވޯލްޑްކަޕް ގައިޑް ވަރަށް ފުރިހަމަ ވާނެ ކަމަށެވެ.

"އެއް ފޮތަކުން، އެއްތަނަކުން ވޯލްޑްކަޕާ ބެހޭ އެންމެ ގިނަ މައުލޫމާތު ލިބޭންއޮތް ފޮތަކީ މިއީ." އިމާދު ވިދާޅުވި އެވެ.

ވަންގެ ސޭލްސް އެންޑް މާކެޓިން ޓީމުން ބުނީ ނަން ނޯޓު ކުރާ މީހުންނަށް ކޮންމެ ގައިޑަކާއެކު މެޗު ޝެޑިއުލެއް ލިބޭނެ ކަމަށާއި މުބާރާތް ފެށުމުގެ ކުރީން ގައިޑް ވެސް މެޗު ޝެޑިއުލްވެސް ލިބޭނެ ކަމަށެވެ.

"ވަން ވޯލްޑް ކަޕް ގައިޑް 2022" ހޯދަން ނަން ނޯޓުކުރުމަށް ގުޅާނީ 7744464 އަށެވެ.

ވަން މީޑިއާ ގުރޫޕުން ވަނީ 2020 ވަނަ އަހަރު އޮތް ޔޫރޯއަށް ހާއްސަ ކޮށްގެން ވެސް ވަރަށް ތަފްސީލު ގައިޑެއް ނެރެފަ އެވެ. އެ ގައިޑް ވެސް ވެގެން ގޮސްފައި ވަނީ ކިޔުންތެރީންގެ މެދުގައި ވަރަށް މަގުބޫލު ގައިޑަކަށެވެ.