ށ. މާއުނގޫދޫގައި ބޮޑު މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.

މާއުނގޫދޫ ކައުންސިލުގެ ނައިބު ރައީސް މޫސާ ހަސަން "ވަން" އަށް މިއަދު ވިދާޅުވީ، ތިން މީހެއްގެ ދެމެދު އެ މާރާމާރީ ހިންގާފައި ވަނީ ރޭ ދަންވަރު 12:30 އާއި 1:00 ދެމެދު ކަމަށެވެ.

މާރާމާރީގައި ޒަހަމްވި އެކެއްގެ ބަނޑަށް ވަޅި ހަރާފައިވާއިރު އޭނާގެ ގޮހޮރު އޮތީ ބޭރަށް ނުކުމެފައި ކަމަށާއި އަނެއް މީހާގެ ވައަތު އަތް ތިލައަށްވެސް ވަޅިން ހަމަލާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޮހޮރުވެސް އޮތީ ނުކުމެފައި ސިއްހީ މަރުކަޒަށް ގެނައި އިރު، ދެން މިކޮޅުން ފަރުވާދިނުމަށްފަހު ފުނަދޫ ހޮސްޕިޓަލަށް ގެންގޮސް، އެތަނުގައިވެސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސްފައި" މޫސަ ވިދާޅުވިއެވެ.

ދެ ޒުވާނުންނަށް ހަމަލާދިން މީހާ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. މާރާމާރީ ހިންގާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައިކަންވެސް އެނގިފައިވެއެވެ.