އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ފާސްވުމާއެކު މާލޭގެ 5000 އާއިލާއަށް އަންނަ އަހަރު ގޯތީގެ ރަޖިސްޓްރީ ކަށަވަރު ވާނެކަން ޔަގީންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި މީކާއީލް ވިދާޅުވީ، މިފަހަރު ހުށަހަޅާފައިވާ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މިފަހަރު ނިމޭނީ ގޯތި ލިބޭ މީހުން ލިސްޓަކަށް އަރައިގެނެއް ނޫން، އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު، މި ބަޖެޓް ފާސްވުމާއެކު މާލޭގެ 5000 އާއިލާއަށް ގޯތީގެ ރަޖިސްޓްރީ ކަށަވަރު ވާނެކަމަށް އަޅުގަނޑަށް ޔަގީން ކުރެވޭ،" މީކާއީލް ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ސިނަމާލެ އާއި މާލޭ ހިޔާ ބިލްޑިންގު ބާވުމުގެ ސަބަބުން އެތަނުގައި މީހުން އުޅެނީ ވަރަށް ހާލުގައި ކަމަށެވެ. ނަމަވެސް އެ ދެ ތަނުގެ ތެރެއިން ސިނަމާލޭގެ މަރާމާތަށް ދެ މިލިޔަން، މާލެހިޔާގެ މަރާމާތައް 1.4 ރުފިޔާ ބަޖެޓްގެ ހިމަނާފައިވާތީ މަރުހަބާ ވިދާޅުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ދެއިމާރާތުގެ ހާލަތު އެހާ ރަނގަޅު ނޫންކަން ފާހަގަ ކުރައްވައި މީކާއީލް ވިދާޅުވީ، އެ ތަންތަން މަރާމާތު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެތަނުގައި ދިރިއުޅޭ މީހުނަށް ހައްލު ލިބިގެންވާ ކަމެއް ނޫން ކަމަށެވެ. އެކަމަށް ބަޖެޓްގައި ފައިސާ ހިމަނާ މިންވަރު އަހަރުން އަހަރަށް ގިނަ ކުރުމުގެ ބަދަލުގައި އެއީ ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.