އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މެންބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް 45 މިނެޓުގެ ފުރުސަތެއް ދެއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ބަހުސަށް ހުޅުވައިލައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ބަޖެޓު ބަހުސްގައި މެންބަރުން ފާހަގަކުރައްވާ ކަންތައްތަކާ ގުޅިގެން، އެ މެންބަރުންނަށް ޖަވާބު ދެއްވުމަށް މަޖިލިސް ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ފުރުސަތެއް ދެއްވަން މަޖިލީހުގެ އާއްމު ކޮމިޓީން ލަފާދީފައިވާ ކަމަށެވެ.
އޭގެ އިތުރުން ބަޖެޓު ބަހުސްގައި މެންބަރުންނަށް 15 މިނެޓުގެ ފުރުސަތެއް ދެއްވި ނަމަވެސް ބަޖެޓު ދިރާސާކުރުމަށްފަހު ބަޖެޓު ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހަޅާ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް މެންބަރުންނަށް ހަތް މިނެޓުގެ ފުރުސަތެއް ލިބޭނެ ކަމަށް އީވާ ވިދާޅުވިއެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ގެނދުނު 9:00 އިން ރޭގަނޑޫ 10:00 އަށް ބަޖެޓު ބަހުސް ކުރިއަށް ގެންދަން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އެއީ މަޖިލިސް ގަވާއިދުގެ ދަށުން އާއްމުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާ ވަގުތަށްވުރެ އިތުރަށް ޖަލްސާގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭތީއެވެ.
އީވާ ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް ބަޖެޓު ބަހުސް ކުރިއަށް ގެންދަން ނިންމެވި ނަމަވެސް، ބަހުސަށް އެދިވަޑައިގެންނަވާ ބޭފުޅުން ޖަލްސާގައި ނެތް ނަމަ މަޖިލިސް ޖަލްސާ ނިންމަވާލައްވާނެ ކަމަށެވެ. އަދި ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުން ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ފުރުސަތަށް އެދިވަޑައިގެންނެވުމަށް އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު