މި ސަރުކާރުން ހުށަހެޅި އެއްވެސް ބަޖެޓެއް ފާސްކޮށްދިނުމަށް މިހާތަނަށް ވޯޓު ދީފައިނުވާނެ ކަމަށާއި ނަމަވެސް ކޮވިޑުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވި މަސައްކަތްތަކާ ގުޅިގެން މިފަަހަރުގެ ބަޖެޓު ފާސްކުރަން ވޯޓު ދެއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު ބަހުސްގައި ފުރަތަމަ މެންބަރެއްގެ ގޮތުން ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ކޮވިޑުން އަރައިގަތުމުގެ އިތުރުން ރައީސް ސޯލިހުގެ ވެރިކަމުގައި ތިން ކަމެއް ގާއިމުކޮށްދީފައިވާ ކަމަށެވެ. އެއީ ރާއްޖޭގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ކަމަށާއި މިހާތަނަށް އައިއިރުވެސް ރާއްޖޭގެ ރަށްރަށުގައި ނަރުދަމާ ނިޒާމު ގާއިމުނުކުރެވި، ފެނުގެ ނިޒާމު ރަނގަޅު ނުކުރެވި ވަނީ، އަންޑަ ބަޖެޓުކޮށް މަސައްކަތް ލަސްކުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރު އައިފަހުން ބަޖެޓަށް އަޅުގަނޑު ވޯޓެއް ނުދެން، އެކަމަކު މިފަހަރު ވޯޓު ދޭން ހިތުނިޔަތް ގަނެގެން މިހުރީ، އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަަރަށް އިހުލާސްތެރިކަމާއެކު ކޮރޯނާ ވައިރަހުން އަރައިގަތުމަށްޓަކާ ހޭދަަތަކެއް ކުރެއްވި،" ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރިހާ ހިދުމަތްތަކެއް ދިނުމަކީ ދަތިކަމެއްކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، އެކަށީގެންވާ ބަޖެޓެއް ނެތި އެކަންތައްތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން އާބާދީ ބޮޑެތި ރަށްރަށަށް ކުދި ރަށްރަށުގެ މީހުން ބަދަލުކޮށް ޕްލޭންއަކާއެކު، ސިޓީ ޑިވޮލެޕްމެންޓް ސިސްޓަމެެއް ގާއިމުކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ދުނިޔާގެ އިގުތިސާދަށް މިހާރު ދިމާވެފައިވާ ކަންބޮޑުވުމާ ގުޅިގެން މިފަަހަރުގެ ބަޖެޓަށް ވޯޓު ދިނުން މުހިންމު ކަމަށެވެ. އަދި ބަޖެޓަށް ވޯޓު ނުދިނުމަކީ ދިވެހި ރައްޔިތުންނަށް ޣައްދާރުވުން ކަމަށް ވިދާޅުވިއެވެ.

"މިފަހަރުގެ ބަޖެޓަށް ވޯޓު ނުދީފިއްޔާ ކަރަންޓާއި ފެން ކަނޑާލަން އެބަޖެހޭ، އިލެކްޓްރިސިޓީ ކަނޑާލަން އެބަޖެހޭ، ސަރުކާރުން ނެގި ދަރަނި ނުދެއްކި ސޮވްރިން ޑިފޯލްޓަކަށް ދާނީ. އެހެންވީމާ ރައީސް ދެކެ ކިތަންމެ ރުޅި އަޔަސް އެކަން ކޮށްގެންވާނެ،" ޖާބިރު ވިދާޅުވިއެވެ.