ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ފުލެޓު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އާކުރުމެގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

އެޗްޑީސީން ބުނީ ވެށިފަހި މާލެ ޕްރޮޖެކްޓުގެ ދަށުން ތަރައްގީކޮށްފައިވާ ފްލެޓު ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެ ކުލަ އާކުރުމުގެ މަސައްކަތް 23 އޮކްޓޯބަރު 2022 ވީ އާދީއްތަ ދުވަހުންފެށިގެން އެ ކޯޕަރޭޝަނުން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ކުލަ ލުމާއި ފުލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ހަތަރުމަސް ދުވަސްތެރޭ ނިންމާލެވޭނެއެވެ. ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދޭނެ ކަމަށާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އޭގެ އިތުރުންވެސް އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ޖުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، އިމާރާތުގެ އާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފައި ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ބުނީ އޭގެ ތެރެއިން ނުނަގައި ނުވަތަ ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތިގެން ދޫކޮށްލައިފައިވާ ތަކެތި ކަމަށް ބަލައި، އެތަކެއްޗާމެދު އެ ކޯޕަރޭޝަނުން ފެންނަގޮތަކަށް އަމަލުކުރުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ. މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ތަކެއްޗާއި، އެޗްޑީސީގެ ހުއްދައާ ނުލައި ހައްދާފައިވާ ގަސްތައް ހިމެނޭ ގޮތަށް އެއްކައިރި ކުރުމުގެ ތެރޭގައި އެތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.