ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުތަކުގެ ޒިންމާ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ނަގަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިޖިޕްޓުގެ ޝަރްމުއްޝެއިހްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސްގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން އިޖިޕްޓް ސަރުކާރުން ބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޯ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ނޭދެވޭ ބަދަލުތަކެއް އައުމުގެ ޒިންމާ ނަގަން ޖެހޭކަން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ ކުދި އަދި ޖަޒީރާ ގައުމުތަކަށް ކަމަށާއި އެހެންކަމުން މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޮޑެތި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާ ގައުމަކަށްވާ އިރު، ކޮވިޑާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ހަކަތައިގެ ދަތިކަމާއެކު މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް އިތުރު ލޯނުތަކެއް ނަގާނަމަ އިގުތިސޯދީ ގޮތުން ގޮންޖެހުން ތަކެއް ކުރިމަގު ދިމާވެދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މަޝްވަރާކުރާ ފަދައިން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތައް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމު ކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ ބަޖެޓުގެ ބޮޑުބައެއް ހަރަދުކުރަން ޖެހެނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ހަރަދުކުރުމަށް ގައުމުތަކުން އެއްބަސްވެފައިވާ، އަހަރަކު 100 ބިލިޔަން ޑޮލަރުގެ އަމާޒަށް ވާޒިލުވުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ގައުމުތައް ދެމި އޮތުމަށް ބޭނުންވާ ފައިސާ، ބޭނުންވާ ވަގުތުގައި، ބޭނުންވާ މިންވަރަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެހެންކަމުން އެފަދަ ފައިސާތައް ހޯދުމަށް ފަސޭހަގޮތެއް ހަމަޖެހިގެން ދިއުން މުހިންމު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޕެރިސް އެގްރީމަންޓް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ބޭރުންވެސް މަސައްކަތްތައް އިތުރު ކުރަންޖެހޭ ކަމަށާއި ބައިނަލްއަގުވާމީ ހުރިހާ މާލީ އިދާރާތަކުންވެސް ޕެރިސް އެގްރީމެންޓާ އެއްގޮތަށް ސިޔާސަތުތައް ބައްޓަން ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.