އެމްޑީޕީގެ އާ ތަރުޖަމާނަކަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު އައްޔަންކޮށްފިއެވެ.

އެމްޑީޕީގެ ތަރުޖަމާނުގެ މަގާމު ކުރިން ހުންނެވީ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ އާ ތަރުޖަމާނަކަށް އަނަސް މިއަދު އައްޔަންކޮށްފައިވާ އިރު، އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވައިފައެވެ. އެ މަގާމުގައި އޭނާ ހުންނެވީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމަޔަށެވެ. އަނަސް ވަނީ އެމްޑީޕީގެ އިސްތިއުނާފީ ފަނޑިޔާރުގެ ރައީސްކަން ވެސް ކުރައްވައިފައެވެ. އަދި ވަނީ 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހާ ހަމަޔަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަނަސް ވަނީ މާފަންނު މެދު ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެފައެވެ. އަދި 2020 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި އަނަސް ވަނީ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކޮށް ވެސް ނާކާމިޔާބުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަނަސް ވަނީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައިފައެވެ.