ރިސޯޓެއްގައި ބަގީއަކާއެކު މޫދަށް ވެއްޓި އަނިޔާވެ، ފަރުވާދެނިކޮސް މަރުވި މޮރޮކޯ އަންހެން މީހާގެ މަރާ ގުޅިގެން ޝައްކު އުފެދޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިއްޔެ ބުނީ ބ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ އެ އަންހެން މީހާ އެ ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވަނިކޮށް، ބާގީއާއެކު މޫދަށް ވެއްޓުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 11:10 ހާއިރު ކަމަށެވެ. ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދޭން އޭނާ ގެނައީ މާލޭ އޭޑީކޭ ހޮސްޕިޓަލަށެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު "ވަން" އަށް ވިދާޅުވީ ރިސޯޓަކުން އެކްސިޑެންޓް ވެގެން ގެނައި އަންހެނަކަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ 11:00 ގައި މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ނުދެއްވައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ މަރުވެފައިވަނީ ބ. އަތޮޅުގެ އަނަންތަރާ ކިހަވައް ރިސޯޓުގައި މަސައްކަތްކުރާ މޮރޮކޯގެ އުމުރުން 26 އަހަރުގެ އަންހެނެކެވެ.
ފަރުވާދެމުން އަންނަނިކޮށް މަރުވި، މޮރޮކޯ އަންހެން މީހާއަކީ ބަގީ ދުއްވަން އެނގޭ މީހެއް ނޫން ކަމަށާއި އޭނާއަކީ ރަނގަޅަށް ފަތަން އެނގޭ މީހެއް ކަމުން، ގެނބުމުގެ ފުރުސަތު ކުޑަ ކަމަށް އޭނާގެ ރަށްޓެއްސަކު ބައެއް އޮންލައިން މީޑިއާތަކަށް ބުނެފައިވެއެވެ.
މޮރޮކޯ އަންހެން މީހާ ފަރުވާދެމުން އަންނަނިކޮށް މަރުވި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު