ތެލަސީމިއާ ކުދިން ލޭ އަޅަން ކުރަންޖެހޭ ދަތުރުތަކުގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އޭނާ ސުވާލު ކުރެއްވީ، ލޭ އަޅާ ކުދިންނާއި އެ ކުދިންގެ މައިންބަފައިން ނުހަނު ތަކުލީފުގައި އުޅެމުންދާއިރު، އެކުދިންނަށް އެހީއެއް ދިނުމަށް ބަޖެޓުގައި ހިމަނަން ހަމަޖެހިފައިވޭތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަސީމު ވިދާޅުވީ، އެފަދަ ކުދިންނަށް ދެކޮޅު ދަތުރު ހަމަޖައްސައިދޭން އެންސްޕާއާ ވާހަކަދައްކާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޭ އެޅުމަށް އެއްތަނުން އަނެއް ތަނަށް ކުދިން ދަތުރުކުރަން ދިމާވެފައިވާ މައްސަލައަކީ އުދަނގޫ މައްސަލައެއް ކަމަށާއި ނަމަވެސް ސަރުކާރުގެ ދަތުރުފަތުރު ކުރުުމުގެ ނިޒާމުން ގުޅިފައިވާ ސަރަހައްދުތަކަށް އެ މައްސަލަ ދިމާނުވާނެ ކަމަށެވެ.

އަދި އަންނަ އަހަރުގެ މެދުތެރޭގައި މެދުރާއްޖެ ތެރެއަށްވެސް ޓްރާންސްޕޯޓުގެ ހިދުމަތް ލިިބުމުން އެކަމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިކަހަލަ އިންތިޒާމުތައް ހަމަޖެހިގެން ނޫނީ އެންމެ ބޭނުންވާ ފެންވަރަށް ސިއްހީ ހިދުމަތް ނުދެވޭނެ ކަމަށެވެ.