މުވައްޒަފަކަށް ޖިންސީ ގޯނާކޮށްގެން މެޖިސްޓްރޭޓް ކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު ލުއައްޔު އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު ލުއައްޔު އިބްރާހީމް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޖޭއެސްސީން އިއްޔެ ބުނީ، ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔުއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި 22 މައްސަލައެއް ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.
އެ 22 މައްސަލައިގެ ތެރެއިން 20 މައްސަލައެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފުވާކަން ސާބިތު ނުވި ނަމަވެސް ދެ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ސާބިތުވި ދެ މައްސަލައަކީ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު ލުއައްޔު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާ ކަމާއި ކޯޓުގެ ރަސްމީ ގަޑީގައާއި އެ ނޫންވެސް ވަގުތުތަކުގައި ލުއައްޔު ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، އެ މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކުރި ކަމެވެ.
ޖޭއެސްސީން އިއްޔެ ބުނީ، ލުއައްޔުގެ މައްޗަށް ސާބިތުވި ކަންކަމަކީ ދިވެހިރާއްޖާގެ ފަނޑިޔާރުންގެ ގާނޫނުނެ 32 ވަނަ މާއްދާގެ (ހ)ގެ (8) ވަނަ ނަންބަރާއި (9) ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ ނަންބަރާއި 6.1 ވަނަ ނަންބަރާއި 3.2 ވަނަ ނަންބަރާއި 4.1 ވަނަ ނަންބަރާ ހިލާފު އަމަލުތަކަކަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ 32-1 (ހ)ގެ ހަތަރު ވަނަ ނަންބަރުގެ ދަށުން، އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު