ހދ. އެއާޕޯޓް ހުޅުވޭއިރު އެ އެއާޕޯޓަށް ފަހިވާ ވަރަށް އެ ސަރަހައްދުގައި ޓޫރިސްޓު އެނދު ހުންނާނެ ކަމަށް ޓުރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޔާސިރު ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު، ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ބޭނުންވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީކުރުމަށް މިހާރު ހަވާލުކުރެވިފައިވާ ކަމަށެވެ.
ނަމަވެސް މިވަގުތު ރިޒޯޓާއި ގެސްޓުހައުސް ހިމެނޭ ގޮތުން ބޮޑުތިލަދުންމަތީގައި ހުރީ 1،151 އެނދު ކަމަށް ވިދާޅުވިއެވެ. އެއީ
ހއ. ގައި 360 އެނދު، ހދ. ގައި 274 އެނދު، ށ. ގައި 517 އެނދު އަދި ހދ. ގައި އެންމެ ރިސޯޓެކެވެ. އެހެންކަމުން އެއާޕޯޓުގެ ކަންތައް ދެކޮޅު ޖެއްސުމަށް ކިތައް އެނދު ބޭނުންވާނެތޯ ޔާސިރު މިނިސްޓަރާ ސުވާލުކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކާމިޔާބުކަމާއެކު އެއާޕޯޓެއް ކުރިއަރުވަން 8000 އެނދު ބޭނުންވާ ކަމަށެވެ. ނަމަވެސް ހއ. އާއި ހދ. އަދި ށ. އަތޮޅުގައި ރިސޯޓު، ހޮޓާ، ގެސްޓުހައުސް ހިމެނޭހެން ރަޖިސްޓްރީ ކޮށްފައިވަނީ 1،724 އެނދު ކަމަށާއި އޭގެ ތެރެއިން 1،524 އެނދު މިހާރުވެސް އޮޕަރޭޝަނުގައިވާ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ރިސޯޓް އެ ސަރަހައްދުގައި ހުޅުވޭނެ ކަމަށާއި އެއީ ހދ. ދިއްޕަރުފުއްޓާއި ހދ. ނާގޯށީގެ ފޭސް އެކެއް ކަމަށް ވިދާޅުވިއެވެ. އެއީ 200 އެނދާއި 304 އެނދެވެ.
މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 1،360 އެނދު ހިމެނޭހެން ހަތަރު ރިސޯޓް އޮޕަރޭޝަނަލް ސްޓޭޖަށް އަންނާނެ ކަމަށާއި އެއީ ހއ. ބެރިންމަދޫއާއި ށ. ހުރަސްފަޅާއި ނާއިންފަރާއި އަދި ކަނބައިލިފަރު ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ތެރެއިން ހއ. ކެލާ، އުތީމު އަދި ވަށަފަރުގައި ކުރިއަށްގެންދާ ހޮޓާ ރިސޯޓް ނިމި 404 އެނދު ތައާރަފުކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި (ބޮޑުތިލަދުންމަތީގައި) 3700 އެނދުވަރު ހުންނާނެ. އެއީ ކުރިން ބުނި 8،000 އެނދާ އަޅާބަލައި އިރު، އޭގެ 50 ޕަސެންޓްވަރު. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ފުލް ކެޕޭސިޓީގައި ޖުމްލަ އެރައިވަލް ޑެއިލީ 1780 ހިމެނޭނެ ކަމަށް ބެލެވޭ. އޭގެ ތެރެއިން ފުރަތަމަ އަހަރު ގާތްގަނޑަކަށް ޖުމުލަ ކެޕޭސިިޓީގެ 20 ޕަސެންޓުގައި އޮޕަރޭޓް ކުރާނެ ކަމަށް. އެހެންވެއްޖިއްޔާ ދުވާލަކު 300 ޕަސެންޖަރުން އަންްނާނެ. އޭގެ ތެރެއިން 300 ޓޫރިސްޓުން ކަމަށް ބަލާފައި، މިހާރު ހުރި ބެޑްކެޕޭސިޓީ އާއި އިތުރުވާނެ ކަމަށް ބެލެވޭ ބެޑް ކެޕޭސިޓީއާއެކު ބެޑް ކެޕޭސިޓީ އެބަ ލިބޭ،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު