6 މަސް ދުވަހުގެ ކޯޅުމަކަށްފަހު އެލޮން މާސްކް ޓުވިޓާ ގަނެފިއެވެ. މިއާއި އެކު ބޮޑު ވާހަކައެއް ދެކެވެން ފަށައިފިއެވެ. އެއީ ނަފުރަތު އުފެދޭ ވާހަކަތަކާއި ދޮގު މައުލޫމާތު ފަތުރައިގެން ޓުވީޓާއިން ބޭރު ކުރި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެނބުރި ޓުވީޓާއަށް ވަޑައިގަންނަވަނީ ކޮން އިރަކުންތޯ ކުރެވޭ ސުވާލެވެ.
2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް ދާއިމީކޮށް ޓުވީޓާއިން ބޭރުކުރުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ. އޭރު އެއީ އެމެރިކާގެ ރައީސްވެސް މެއެވެ. އެހެންކަމުން ގިނަ ބަހުސްތަކެއް ފެށުނެވެ. 6 ޖެނުއަރީ 2021 ގައި އެމެރިކާގެ ކެޕިޓަލް ހިލްގައި ހިނގި ޖިނާއީ އަމަލުތައް ހިންގުމަށް މީހުންނަށް ހިތްވަރުދީ ގޯސް މައުލޫމާތު ފެތުރެއްވެވި ކަމަށް ބުނެ ޓުރަމްޕް ޓުވީޓާއިން ބޭރުކުރި ކުރުން މިހާރުގެ ޓުވީޓާގެ ވެރިފަރާތް އެލޮން މަސްކު ގަބޫލެއް ނުކުރައްވައެވެ. މިއަހަރުގެ ކުރީކޮޅު މާސްކް ވަނީ އޭނާ ޓުވީޓާ ގަތުމަށްފަހު އެ ނިންމުން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޓްރަމްޕް ޓުވިޓާއިން ބޭރު ކުރުމަކީ ރަނގަޅު ނިންމުމެއް ނޫން. މެއި މަހު ފައިނޭންޝަލް ޓައިމްސްގައި ބޭއްވި ކޮންފަރެންސެއްގައި ޓެސްލާގެ ޗީފް އެގްޒެކެޓިވް ހައިސިއްޔަތުން އެލޮން މަސްކު އޭރު ވިދާޅުވި އެވެ.
"އަހަރެންނަށް ހީވަނީ އެއީ ގޯހެއްހެން. އެކަމުގެ ސަބަބުން ގައުމުގެ ވެރިޔަކަށް ބޭއިހުތިރާމުވެ އޭގެ ނަތީޖާއަކަށް ވީ ޑޮނަލްޑް ޓްރަމްޕްގެ އަޑު ކެނޑިގެން ދިއުމެވެ. އަޅުގަނޑަށް ހީވަނީ އެއީ އަހުލާގީ ގޮތުން ނިންމި ގޯސް ނިންމުމެއްހެން." އެލޮން މަސްކު ވިދާޅުވެފައިވެއެވެ.
އެހެން ކަމުން ޓުވިޓާއާ ހަވާލުވެވަޑައިގެންނެވިތާ ގަޑިއެއްހާއިރުގެ ތެރޭގައި، އެލޮން މާސްކް ވަނީ ޓުވީޓާގެ ހުރިހާ ބޮޑުން ބޭރުކޮށްފައެވެ. އެ ގޮތުން ޓުވީޓާގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ޗީފް ފައިނޭންޝަލް އޮފިސަރާއި ޖެނެރަލް ކައުންސެލްއާ އެކު ލީގަލް އެންޑް ޕޮލިސީގެ ވެރިޔާ ވިޖާޔާ ގައްޑޭ ވެސް ވަނީ މަގާމުން ވަކިކުރައްވައިފައެވެ.
މި ހުރިހާ ކަމެއް މިހާ އަވަހަށް ހިންގަވައިލެއްވުމާ އެކު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެލޮން މަސްކު ޓުވީޓާ ބައްލަވައިގަތުމުގެ ފަހަތުގައި ވެސް ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕް އަނބުރާ ޓުވީޓާއަށް ގެންނެވުމެވެ.
ނަމަވެސް ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި މާސްކް ވިދާޅުވީ އެފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެ ޕްލެޓްފޯމުން "ތަފާތު ވިސްނުންތަކެއް ހުރި ކޮންޓެންޓް މޮޑެރޭޝަން ކައުންސިލެއް" އުފައްދާނެ ކަމަށެވެ. "އެ ކައުންސިލްގެ ޖަލްސާ ބޭއްވުމުގެ ކުރިން ކޮންޓެންޓްގެ ބޮޑު ނިންމުމެއް ނުވަތަ ބޭރު ކޮށްފައިވާ އެކައުންޓް އަލުން ގެނައުމެއް ނުހިނގާނެ،" ކަމަށްވެސް މަސްކު ވަނީ ޓުވީޓާގައި އިއުލާނު ކުރައްވައިފައެވެ.
ޓުވީޓާ އަކީ ޓްރަމްޕް ދާއިމަށް ބޭރު ކޮށްލި ހަމަ އެކަނި ސޯޝަލް މީޑިއާ އެވެ. ފޭސްބުކް އަދި ޔޫޓިއުބް ފަދަ އެޕްލިކޭޝަން ތަކުން ނިންމާފައިވަނީ ވަގުތީ ގޮތުން އެ އެޕްލިކޭޝަންތައް ޓްރަމްޕަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށެވެ. އެހެން ކަމުން ޓްރަމްޕްގެ އަމިއްލަފުޅު "ޓްރޫތު ސޯޝަލް" ވެބްސައިޓު ފެއްޓެވިއެވެ.
ޓުވީޓާ ގަތުމާއި އެކު ގިނަ ބަޔަކު ޓްރަމްޕްގެ އަރިހުން ކުރާ ސުވާލަކީ އެނބުރި ޓުވީޓާ އަށް ވަޑައިގަންނަވާނެތޯއެވެ. އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވައެވެ. ވިދާޅުވަމުން ގެންދަވަނީ އަމިއްލަ ޓުރޫތު އެޕްލިކޭޝަން އަށް އިސްކަންދެއްވާ ކަމަށާއި ނަމަވެސް ޓުވީޓާ މިހާރު މިނިވަން ވެފައިވާތީ ވަރަށް އުފާފުޅުކުރައްވާ ކަމަށެވެ.
މި ހުރިހާ ކަމަކާއިއެކު ޓުވީޓާ ގަތުމުގެ ވިޔަފާރި ނިމިގެން ދިޔަ އިރު މިވަނީ ވަރަށް ބޮޑަށް އޮޅުން ބޮޅުން ވެފައެވެ. މަދަނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި "ވާހަކަ ދެއްކުމުގެ މިނިވަންކަމުގެ" ނަމުގައި ކޮންޓެންޓް މޮޑަރޭޓް ކުރުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތް ބިލިއަނަރު އެލޮން މަސްކުގެ ސަބަބުން އެ ޕްލެޓްފޯމް، "ރެޑިކަލައިޒޭޝަންގެ ސުޕަޗާޖްޑް އިންޖީނަކަށް" ވުމުގެ ނުރައްކާ އެބައޮތެވެ.
ޓްރަމްޕް އަނބުރާ ޓުވިީޓާއަށް ވައްދައިފި ނަމަ މިހާރު ޓުވީޓާ ބޭނުން ކުރަމުން އަންނަ ވަރަށް ގިނަ މީހުން ޓުވީޓާ ދޫކޮށް ދާނެ ކަމަށާއި އޭގެ ސަބަބުން އެ ކުންފުންޏަށް ލިބެމުން އަންނަ އާމްދަނީ ގެއްލިދާނެ ކަމަށް ދެކެވޭ ވާހަކަ ވެސް ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް މާސްކް ވަނީ އިޝްތިހާރުތަކަށް ބިނާކޮށް ލިބޭ އާމްދަނީއާ ދުރަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ޓުވީޓާގައި ފާޅުކުރައްވައި ސަބްސްކްރިޕްޝަން ބިޒްނަސް މޮޑެލް އަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެން ކަމުން މިހާރު ސާފު ނުވެ އޮތްކަމަކީ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް އަލުން އަނބުރާ ޓުވީޓާއަށް ވަޑައިގެން ޓުވީޓެއް ކޮށްލެއްވޭނީ ކޮން އިރަކުން ކަމާއިމެދު އޮތް ސުވާލެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ