ބިލްތަކާއި, މޮބައިލްފޯން ރީޗާޖް ކުރުމާއި އެހެނިހެން ޒަރޫރީ ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގެ ހިދުމަތް އެއްތަނަކުން ދެމުން އަންނަ ފަހިޕޭގެ ސޯޝަލް މީޑިއާއިން އިއްޔެ ފެނިގެންދިޔަ ކުރު ފިލްމް ވަރަށް ވެސް ހިތްގައިމުވެފައި ތަފާތެވެ.
ތޮއްޑޫގެ ރީތި މަންޒަރުތަކުން މި ވީޑިއޯ ފަށާއިރު އެފެންނަ ކޮންމެ މަންޒަރެއްވެސް ފޫހިކަމެއްނެތި ބަލައިލަން އިނދެވޭހާ ވެއެވެ. މާ ލަހެއް ނުވެ ފެންނަނީ އެރަށުގެ ހިތްގައިމު ގޮނޑުދޮށުގައި ވޮލީ ކުޅެން ހުންނަ ޒުވާން ފިރިހެން ކުއްޖަކު ވެއްޓި ލޮލަށް ވެލި އެޅުމުން ފެން ފުޅިއެއް ނުލިބިގެން އުޅޭ މަންޒަރެވެ. އިސާހިތަކު އެ ކުއްޖާގެ މޫނަށް ފެން އަޅައިދެނީ ޒުވާން އަންހެން ކުއްޖެކެވެ. ލޮލުގެ ފެނުން އަނބުރާ ލިބުމާއި އެކު އެ ޒުވާން ފިރިހެން ކުއްޖާއަށް ހުއްޓުން އަރައެވެ. ރާއްޖޭގެ ހުނަރުވެރި ބޭންޑް ރަވިއޯގެ ހިތްގައިމު ލަވަ ހޫރެއް ފަދައިން މި މަންޒަރު ފުރިހަމަ ކޮށްދެއެވެ.
އަނގައިން ވެސް ބުނެނުލައި ތެދުވެގެން އެ ޒުވާނާ ދަނީ އޭނާގެ ރަހުމަތްތެރިޔާ ކައިރިޔަށެވެ. އަދި އެ އަންހެންކުއްޖާއަކީ ކާކުތޯ ސުވާލު ކުރެއެވެ.
ޖަވާބުގައި ރަހްމަތްތެރިޔާ އެއީ މިރަށަށް ވޮލީ މުބާރާތަކަށް ވަސީމެންނާއެކު އައިސް އުޅޭ ކުއްޖެކޭ ބުނެއެވެ.
ނަން އެނގޭތޯ ސުވާލުކުރުމުން ސަކަ ގޮތަކަށް އެ ރަށު ވަސީއަށް ގޮވާލުމަށްފަހު، ފެން އަޅައިދިން ކުއްޖާގެ ނަން އަހައެވެ. ޒޭން އެ މައުލޫމާތު ހޯދަނީއޭ ބުނެއެވެ. އެއާއިއެކު ވަސީ ޖަވާބުގައި މިއީ ދޮންހިޔަލައޭ ބުނެ ސަމާސާ ކުރަން ފަށައެވެ. އެވަގުތު ޒޭންގެ ރަހުމަތްތެރިޔާ ވެސް ބުނެއެވެ؛ އެހެން ވެއްޖެއްޔާ މީ އަލިފުޅެވެ.
މި ކުރު ފިލްމްގެ ނަން އަލިފުޅުގެ ފަހިޕޭ ސްކްރީނަށް އަރަނީ އެހާ ހިސާބުންނެވެ. ފިލްމުގައި ދެން ފެނިގެންދަނީ އަލިފުޅު ދޮންހިޔަލަ ހޯދުމަށް ކުރާ މަސައްކަތެވެ. ތޮއްޑޫގެ ހިތްގައިމު ރީތީ މާހައުލު ފުރިހަމައަށް ފެންނަ މި ކުރު ފިލްމް އިތުރަށް ކިޔައިދިނުމަކުން އިންސާފުވެރިއެއް ނުވާނެއެވެ. އަލިފުޅަށް ދޮންހިޔަލަ އެންމެ ފަހުން ލިބެނީ ކޮންގޮތަކަށްތޯ ތިޔަބޭފުޅުން ބަލައިލާށެވެ.
މި ޕްރޮޑަކްޝަންގެ ޑައިރެކްޓަރަކީ، ރާއްޖޭގެ އިޝްތިހާރާއި ޕީއާރްގެ ދާއިރާގެ އުފެއްދުން ތަކަށް އިންގިލާބީ ބަދަލެއް ގެނައި، މަޝްހޫރު ނިއުޝާދު ޝަރީފު އެވެ. ޑައިރެކްޓަރު އޮފް ފޮޓޯގްރަފީ އަކީ ނާޝިއު ނައީމް އެވެ.