ދަރިންނާ ކައިވެނިކުރަން އަންނަ މީހަކީ ހެޔޮލަފާ، ދީންވެރި އަދި ރަނގަޅު މީހެއްނަމަ އެމީހާގެ ކުލައަށް، ހާލަތަށް، ނޫނީ ހުރި ގޮތަކަށް ބަލަން ނުޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކް ވިދާޅުވެއްޖެއެވެ.
މެންކް މިހެން ވިދާޅުވީ މިރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި "އާއިލީ މައްސަލަތަކާ ކުރިމަތިލާނެ ގޮތް" މި މައުލޫއަށް ދެއްވި ދަރުސްގައެވެ. މުފްތީ ރާއްޖެއަށް މިފަހަރު ކުރެއްވި ދަތުރުގައި ހުކުރު ދުވަހުގެ ރޭ މާލޭގައި ދަރުސް ދެއްވުމަށްފަހު، ފުވައްމުލަކާއި އައްޑޫގައިވެސް ދަރުސް ދެއްވާފައިވެއެވެ. މިރޭ މެންކް ދެއްވީ، މި ދަތުރުގައި ރާއްޖޭގައި އޭނާ ދެއްވި ފަހު ދަރުހެވެ. މިރޭގެ ދަރުސް އަލިއަޅުއްވާލެއްވީ ކައިވެންޏާއި އާއިލީ ގުޅުންތަކުގެ މައްޗަށެވެ.
ދަރިންގެ ކައިވެއްޏާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުފްތީ ވިދާޅުވީ އާއިލާއިން ދަރިފުޅުގެ ކައިވެންޏަށް ވަކި މީހަކު ކަނޑައަޅާފައިވާނަމަ، އެމީހަކު ދަރިފުޅާ ބައްދަލުކުރުވައި ވާހަކަދައްކުވައި އެ ދެމީހުން އެކަކު އަނެކަކަށް ހިތްހަމަ ޖެހޭތޯ ބަލަން ޖެހޭނެ ކަމަށެވެ. ދަރިފުޅު އެފަދަ ކައިވެންޏަކަށް ނޫނެކޭ ބުނެފި ނަމަ އެކުއްޖާ ދެކެ ހިތްހަމަ ނުޖެހި، ރުޅިއައިސްގެން ނުވާނެ ކަމަށާއި އެކުއްޖާގެ އިހުސާސްތަކަށް މައިންބަފައިން އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
މުފްތީ ވިދާޅުވީ، ބައެއް ކުދިން މައިންބަފައިންދެކެ ބިރުން މައިންބަފައިން ބުނާ މީހަކާ ކައިވެނިކުރާ ކަމަށެވެ. އެކުދިން ހިތްހަމަޖެހޭ މީހާއަކީ ފަގީރު ނިކަމެއްޗަކަށްވާތީ ނުވަތަ ހަމުގެ ކުލަ ތަފާތު މީހަކަށްވާތީ، އެމީހާގެ ހުންނަ ނުކުޅެދުންތެރިކަމާ ހުރެ މައިންބަފައިން ހިތް ނުރުހޭ މަންޒަރު ފެންނަ ކަމަށާއި އެއީ ގޯހެއް ކަމަށް މެންކު ވިދާޅުވިއެވެ.
އަމިއްލަ ދަރިފުޅަށް ބޭނުންވަނީ އެކުއްޖާއަށް އަޅާލާ، އިހުތިރާމުކުރާ، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެންމެ ގާތުގައި ހުންނަ މީހެއް ކަމަށް މުފްތީ މިރޭގެ ދަރުހުގައި ވިދާޅުވިއެވެ.
އެގޮތުން ދަރިންނާ ކައިވެނިކުރަން އަންނަ މީހަކީ ހެޔޮލަފާ، ދީންވެރި، ރަނގަޅު މީހެއް ނަމަ އެމީހާގެ ކުލައަށް، ހާލަތަށް، ނޫނީ ހުރި ގޮތަކަށް ބަލަން ނުޖެހޭ ކަމަށް މެންކު ވަނީ ބެލެނިވެރިންނަށް ހަނދާން ކޮށްދެއްވައިފައެވެ.
ކައިވެނިކޮށްގެން އުޅޭއިރު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއްގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ ކަމަށާއި ބެލެނިވެރިން ދަރިންގެ ކައިވެންޏަށް ވިސްނަން ޖެހޭ ސަބަބީ އެފަދަ ކަންކަން ކަމަށެވެ. ކައިވެނީގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނަމަ، ނަފުސުގެ ހަމަޖެހުމަށާއި ނަފުސާނީ ހަމަޖެހުމަށް ނިންމުންތައް ނިންމުމަށް އިސްކަން ދެއްވަންވާނެ ކަމަށްވެސް މުފްތީ ވިދާޅުވިއެވެ.
މުފްތީ ވިދާޅުވީ އެކިއެކި ކަންކަމުގެ ސަބަބުން ކައިވެނި ރޫޅިގެންދާ ހިސާބަށްވެސް ކަންތައް ދާނަމަވެސް، އެއީ އެމީހަކަށް ހުރި ހެވެއްކަމަށް ވެގެން ގޮސްދާނެ ކަމަށް ވިސްނަން ޖެހޭ ކަމަށެވެ.
"މައްސަލަ ގޯސްވެ ހިނގައިދާނެ ފަހު ވަގުތު ކައިވެނި ރޫޅޭ ހިސާބަށް ވެސް. އެހެން ނަމަވެސް އެއީ ﷲގެ ހަޒުރަތުން އެ މީހަކަށް ލިބޭ ހެވެއްގެ ގޮތުގައި ވާ ކަމެއް. ސަބަބަކީ އެއްވެސް މީހަކަށް ތަހައްމަލުކުރަން ދަތިވާފަދަ ހާލަތެއް، އަދި ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާފަދަ ކަމެއް މެދުވެރި ނުކުރައްވާނެތީ،" މުފްތީ ވިދާޅުވިއެވެ.
މިރޭގެ ދަރުހުގައި މެންކް ވަނީ ކައިވެނީގެ އިތުރުން އާންމު އިޖުތިމާއީ އާއިލީ މައްސަލަތައްވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ރާއްޖޭގެ އެންމެ އާންމު މައްސަލަތައް ކަމަށްވާ ގެވެށި އަނިޔާގެ މައްސަލަތަކަށް ވާހަކަ ދައްކަވަމުން މެންކް ވިދާޅުވީ ދަރިންނަށް ގެވެށި އަނިޔާލިބެމުންދާނަމަ، މައިންބަފައިން އެކަން ސިއްރުކުރުމުގެ ބަދަލުގައި އެކަމުން ދަރިން ސަލާމަތްކުރުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ.
މުފްތީ ވިދާޅުވީ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލައެއް ހައްލުނުކުރެވޭފަދަ ހާލަތަކަށް ހިނގައްޖެނަމަ އާއިލާގެ މަޝްވަރާ ހޯދައި އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި އަނިޔާވެރިކަމެއް ނުވަތަ ގެވެށި އަނިޔާގައި ދަރިފުޅަކު، އާއިލާގެ މީހަކު ނުވަތަ ގާތްބަޔަކު އުޅޭކަން އެނގޭނަމަ އެކަމުން އެމީހަކު ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މައިބަފައިންނާއި އާއިލާގެ ޒިންމާއެއް ކަމަށްވެސް މެންކް ވިދާޅުވިއެވެ.
"ހާއްސަކޮށް އަމިއްލަ ދަރިއަކު އެފަދަ ހިތްދަތި ދިރިއުޅުމެއްގައި އުޅޭކަން އެނގޭނަމަ އެ ދަރިފުޅު ގެއަށް އައުމަކީ މައްސަލައެއް ނޫންކަން ހުދު މައިންބަފައިން އެ ދަރިފުޅަށް ވިސްނައިދޭން ޖެހޭ" މެންކް ވިދާޅުވިއެވެ.
"ލޮބުވެތި މައިންބަފައިން، ތިޔަ މައިންބަފައިންގެ ދަރިން މިފަދަ ދަތި ހަލާތެއް ތަހައްމަލުކުރަމުން އަންނަ ނަމަ، އެ މީހުންނަށް ނުބައި އިރުޝާދެއް ނުދެއްވާ. އަދި އާއިލީ މައްސަލަ ހައްލުކުރުމުގެ ނަމުގައި، އެ ކަން ސިއްރު ނުކުރައްވާ. އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ހިސާބަށް ވިސްނުން ގެންދިޔުމަށް ފުރުސަތު ނުދެއްވާ،" މެންކް އިތުރަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު