ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު ހައްޔަރުކޮށްގެން ހައިކޯޓަށް ހާޒިރުކުރުމަށް އަންގައި ނެރުނު އަމުރަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
އަރުޝަދާއި އިތުރު ބަޔަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކްކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ އޮޕަރޭޝަންގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ހޯދި އިރު، އެ މައްސަލައާ ގުޅިގެން 31 ޖަނަވަރީ 2020ގައި އަރުޝަދު ހައްޔަރުކުރިއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގައި ދައުލަތުން އޭނާގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތެއް ނުވިއެވެ. އެހެންކަމުން މި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެކަމާ ގުޅިގެން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު ހައިކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރިއެވެ.
ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ، އޭނާ ހައިކޯޓަށް ދީފައިވާ އެޑްރެހާއި ފޯނު ނަންބަރަކީ މިހާރު، ދިރިއުޅޭ އެޑްރެސް ކަމުގައި ނުވުމާއި ފޯނު ނަންބަރަކީ އޭނާ ގެންގުޅޭ ނަންބަރު ކަމުގައި ނުވުމާއި އޭނާ މިހާރު ދިރިއުޅޭ ވަކި އެޑްރެހެއް އެނގިފައި ނުވުމާއި އޭނާ ހައިކޯޓަށް ހާޒިރުވެފައި ނުވުމުގެ އިތުރުން އޭނާގެ ހާޒިރުގައި މެނުވީ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދެވުމާއި ހައިކޯޓަށް ހާޒިރުނުވެ އޭނާ ފިލާފާނެ ކަމަށް ބެލެވޭތީއެވެ.
ނަމަވެސް ހައިކޯޓުން އެ އަމުރުކުރުމުގެ ކުރިން އަރުޝަދު ވަނީ ދުބާއީއަށް ފުރައިފައެވެ. އެ ގައުމުގައި އުޅުމަށްފަހު ލަންކާއަށް ބަދަލުވެ، މިމަހު 10 ވަނަ އޭނާ އެނބުރި ރާއްޖެ އައެވެ. ރާއްޖެ އައިތަނުން އޭނާ ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އަރުޝަދުގެ ފަރާތުންނެވެ. އެއީ ހައިކޯޓުގެ އަމުރަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށާއި އެ އަމުރު ބާތިލުކޮށް ދިނުމަށް އެދިއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި އަރުޝަދުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ހުށަހެޅުއްވި ނުކުތާތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކުރަން ހުއްދަކޮށްފައިވާ ހާލަތު މި މައްސަލައިގައި ކުރިމަތި ވެފައިނުވުމާއި ކޯޓު އަމުރު އަރުޝަދަށް ރައްދުވެފައި ނުވުމާއި ކޯޓު އަމުރު ހަވާލުކުރުމަށް ހައިކޯޓުން މަސައްކަތް ކޮށްފައި ނުވުމާއި އަމުރާ ހަވާލު ނުވުމަށް އޭނާ މަސައްކަތް ކޮސްފައިނުވާނެކަން ފާހަގަކޮށްފައިވެއެވެ.
އަދި ހައިކޯޓުގެ އަމުރަކީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށާއި ހައިކޯޓުން މައްސަލަތައް ބަލައި ނިންމަންވާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް އޮންނައިރު، އެ އަމުރުގައި ސޮއިކޮށްފައި ވަނީ ހައިކޯޓުގެ އެންމެ ފަނޑިޔާރަކެއް ކަމަށް ހުށަހެޅި ނުކުތާވެސް ހިމެނެއެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ ބެންޗުގައި އިންނެވި އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔަށް، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތާއީދު ކުރައްވައިގެން ނެރުއްވި ހުކުމުގައި ބުނެފައި ވަނީ، ހައިކޯޓުގެ އަމުރަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށާއި އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު