ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ ތެރެއިން ހާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުން ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި "އޮޕަރޭޝަން ހޭހަން" ގެ ނަމުގައި ކަރެކްޝަނަލް ސާވިސްއިން ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ޖަލުގައި ދެވެން ނެތް ފަރުވާ ދޭންޖެހޭ ގައިދީން ހޮސްޕިޓަލަށް ނުވަތަ އެނޫންވެސް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ގެންގޮސްގެން ނަމަވެސް މި ޕްރޮގްރާންގެ ދަށުން އެފަރާތްތަކަށް ފަރުވާދޭނެ ކަމަށެވެ.

މި އޮޕަރޭޝަންގައި 70 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވާ ކަމަށާއި މީހުން އުފުލާ ހުރިހާ އުޅަނދެއް މިކަމުގައި ބޭނުންކުރާނެ ކަމަށްވެސް ކަރެކްޝަން ސާވިސްއިން ބުންޏެވެ. މިއީ ތިން ހަފުތާގެ މުއްދަތަށް ހިންގާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ހާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުންނާއި ހާލަތު ސީރިއަސްވާ މީހުން ދެނެގަނެ އެމީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއެކު މަޝްވަރާކޮށް ފަސޭހަ ނިޒާމެއް ގާއިމު ކޮށްފައިވާ ކަމަށްވެސް ކަރެކްޝަނަލްއިން ބުންޏެވެ.

މި އޮޕަރޭޝަންގެ ތެރެއިން، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ނިޒާމީ ބަދަލުތައް ދެނެގަނެ، ގައިދީން ޑޮކްޓަރަށް ދެއްކުމުގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށްވެސް ބުންޏެވެ.