ގދ. ފަރެސްމާތޮޑާ "ބާހިރާ" ދޯނިން އެއް ދުވަސްތެރޭގައި 54 ޓަނުގެ މަސް ބާނައި އަށްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ބާހިރާ ދޯނިން މަައުލޫމާތުދޭ ގޮތުގައި އެ ދޯނިން އިއްޔެ އެކަނި ޖުމުލަ 54 ޓަނު މަސް ބޭނި އިރު، މިއީ މިހާތަނަށް އެ ދޯންޏަށް އެއް ދުވަސްތެރޭގައި އެންމެ ގިނައިން މަސް ބޭނުނު ދުވަހެވެ. އަދި ދޯނިން މަސް ބާނާފައިވަނީ ގއ. އަތޮޅާ 101 މޭލު ބޭރުން ކަމަށް ދޯނިން މައުލޫމާތުދެއެވެ.

އެ ދޯނިން އިއްޔެ ބޭނި މަހުން ކޫއްޑޫއަށް ކިރުވާފައިވަނީ 51.9 ޓަނުގެ މަހެވެ. ކޫއްޑޫއަށް ކިރުވި މަހުގެ އަގަށް ޖުމުލަ 882،674 ރުފިޔާ އެ ދޯންނަށް ލިބޭނެއެވެ.

ބާހިރާ ދޯންޏަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ދޯންޏެކެވެ. ފަރެސްމާތޮޑާގައި ދުއްވާ ބާހިރާ ދޯންޏަކީ ދިގުމިނުގައި 117 ފޫޓު ހުންނަ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ދޯންޏެކެވެ. 30 އަށްވުރެ ގިނަ ފަޅުވެރިންގެ ޖާގައިގެ މި ދޯނީގައި މަސްވެރިކަމަށް ރާއްޖޭގައި ބޭނުންކުރާ އެންމެ ފަހުގެ ވަސީލަތްތައް އަންނަނީ ބޭނުންކުރަމުންނެވެ.

ބާހިރާ ދޯނިން އިއްޔެ ކިރުވާފައިވާ މަހުގެ އަދަދު ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި އެއްދުވަސް މަތިން އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑާ ގާތްކުރެއެވެ. އެ ރެކޯޑު މިހާރު އޮންނަނީ ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނި އަތުގައެވެ. އެ ދޯނިން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކޫއްޑޫއަށް 57.1 ޓަނު މަސް ކިރުވައިފައެވެ.