މަޖީދިއްޔާ ސްކޫލަކީ މި ގައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނު ކަމަށާއި އެކަން މިއަދު އެ ސްކޫލުގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ މަޖީދިއްޔާއަކީ ހަމައެކަނި މަދަރުސާއެއް ނޫން ކަމަށާއި މިއީ ދިވެހިންގެ ފަހުރާއި ޝަރަފުގެ ރަމްޒެއް ކަމަށެވެ. ތަރައްގީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކުވައިދިން ހައިބަވެތި ބިނާއެއް ކަމަށާއި މިއީ ދިވެހި ތައުލީމީ ތާރީހުގެ ރަން ސޮފުހާއެއް ކަމަށެވެ. އަދި މަޖީދިއްޔާއަކި ދިވެހިންގެ އުމްރާނީ ފަންނުވެރިކަމުގެ އަގުހުރި ތަރިކައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަގުހުރި ތަރިކަ އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަދުތިބީންގެ ގައުމީ ވާޖިބެއް. އެއީ މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ މި އިލްމީ ދަންމަރުން ފަތުރައިދޭ އުޖާލާ ދޯދިތަކަށް އަޅުގަނޑުމެން އަމާނާތްތެރިވުން. އެ އަމާނާތް އަދާކުރުމަކީ މި މަދަރުސާގެ ހަމަތަކާއި އަގުތައް ދަމަހައްޓައި ނެގެހެއްޓުން،" ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ މިއަދު މަޖިދިއްޔާ ދިވެހިންނަށް ކުރާ އިލްތިމާސްތަކެއްގެ އަޑު އިވެމުންދާ ކަމަށެވެ. އެއީ މި މަދަރުސާ އުފަންވުމާއެކު ދިވެހި މުޖުތަމައަށް އަންނަން ފެށި ހެޔޮ ބަދަލުތައް، އެ ގޮތުގައި ދެމެހެއްޓުމުގެ މަތިވެރި އިލްތިމާސް ކަމަށެވެ.

"މަޖީދިއްޔާގެ ފަހުރުވެރި ޔުނީފޯމުގައި މިއަދު ތިބި ހުރިހާ ދަރިވަރުންވެސް ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިންމު ކަމަކީ މަޖީދިއްޔާއަކީ މި ގައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނުކަން. އެ ހުންގާނުގައި ހިފައިގެން މިއަދު ތިބީ ތިޔަ ދަރިވަރުން. ޒަމާނީ ތައުލީމުގެ ހަލުވި ދުވެލީގައި، އީޖާދީ އުފެއްދުންތަކުގެ އައްސޭރިއަށް މި ގައުމު ގެންގޮސްދިނުމަކީ ތިޔަ ދަރިވަރުންގެ ޒިންމާއެއް. އަދި ދިވެހި ކޮންމެ ދަރިވަރެއްގެވެސް ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިޔަފާރިވެރިއަކަށް ނުވަތަ ކުޅިވަރު ކުޅުންތެރިއަކަށް ނުވަތަ ސިޔާސީ މީހަކަށް އަދި އެ ނޫން ދާއިރާއެއްގެ މީހަކަށް ވުމުގެ އަޒުމް ހިތުގައި އޮތަސް، އެންމެ ފުރަތަމަ ހޯދަންވީ ރިވެތި އަހުލާގު ކަމަށެވެ. އެއީ ބޭނުން ކޮންމެ އަމާޒަކަށް ގެންގޮސްދޭނެ ބައިވެރިއެއް ކަމަށާއި ކޮންމެ ދާއިރާއަކުން އެހީތެރިވެދޭނެ އެކުވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހި ގައުމަށް ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ އީޖާދީ ވިސްނުން ހުރި ދިވެހި ދަރިންތަކެއް ބިނާކުރުމަށާއި ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގެ ވިސްނުމާއި އިސްނެގުން ހުރި ޒުވާނުންތަކެއް އުފެއްދުމަށް އަޒުމް ކަނޑައެޅުމަށް އެ މަދަރުސާގެ ވެރިންނާއި ޓީޗަރުންނާއި ބެލެނިވެރިން ގޮވާލައްވައިފައެވެ.

މިއަދު މި ގައުމު ހާސިލުކޮށްފައިވާ ކޮންމެ ކުރިއެރުމަކާއި ކޮންމެ ކާމިޔާބެއްގެ އެންމެ ބޮޑު ހިއްސާއަކީ މަޖީދިއްޔާ ކަމަށާއި މި ސްކޫލް ހުޅުވުމަށް ފަހު، ރާއްޖޭގެ ގައުމީ ހާޔާތުގައި އައި ކޮންމެ ދުވަހަކީ މަޖީދިއްޔާއިން ދަރިވަރުވި ޒުވާނުންގެ ހިދުމަތްތައް މި ރާއްޖެއަށް ލިބުނު ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އެތަނަކަށްޓަކައި ދިވެހި އެތައް ދަރިންނެއް ފަހުވެރިވާ ވަރަށް މަތިވެރި މުއައްސަސާއެއް. މުޅި ގައުމު ފަހުރުވެރިވާ ތަނެއް. މި ސްކޫލުން ތައުލީމް ހާސިލުކޮށްގެން، މި ގައުމަށް ހިދުމަތްކުރުމުގައި ގުނައި އަދަދު ނުކުރެވޭހާ ގިނަ މީހުން އެބަތިބި. އެތައް ފަންނެއްގެ އެތައް ހުނަރެއްގެ އެތައް ހާސް ބަޔަކު މި މަޖީދިއްޔާއިން އުފަންކުރުވައިފި، އުފައްދައިފި،" ރައީސް ވިދާޅުވިއެވެ.

މަޖީދިއްޔާއިން ގައުމެއް ތަރައްގީވެ ކުރިއަރައި ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާކުން މީހުން ބިނާކޮށްދީފި ކަމަށެވެ. އަދި މި މަދަރުސާ އިން ތައުލީމް ހާސިލުކުރި އެތައް ދަރިންނެއް، ގައުމުގެ އެންމެ ކުރީ ސަފުގައި ހިދުމަތް ކޮށްފި ކަމަށާއި އަދި މިހާރުވެސް ހިދުމަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.