ބްރޯސްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން، ދިރާގަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެއާއެކު ދިރާގާއި، ދިރާގު ޓީވީގެ ހިދުމަތް ހޯދަމުންދާ 15،000 އަށްވުރެ ގިނަ މީހުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ސަތޭކަ ޕަސެންޓް ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ނޫނީ އެ ހިދުމަތެއް ދެން ނުދެވޭނެއެވެ.
ދިރާގަކީ ސަތޭކަ ޕަސެންޓް ދިވެހި ކުންފުންޏެއް ނޫނެވެ. ރީ ބްރޯޑްކާސްޓު ކުރުމުގެ ހިދުމަތުގެ ގޮތުގައި އެތަނުން އަންނަނީ ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ދެމުންނެވެ. އެކަމަށްޓަކައި ދިރާގަށް ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ގަވާއިދަށް ގެނައި އިސްލާހުގައި ބުނާގޮތުން ދެން އެތަނުގެ ލައިސަންސް އާ ކުރުމުގެ ފުރުސަތެއް ނެތެވެ.
ބްރޯޑްކޮމުން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި ބަދަލަކީ މީޑިއާނެޓަށް އެ ދާއިރާ މޮނޮޕޮލައިޒް ކުރެވޭގޮތަށް ހަދާފައިވާ ގަވާއިދެއް ކަމަށްބުނެ އެ ގަވާއިދު ބަދަލު ކުރަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. އޭގެ އިތުރުން އެ ގަވާއިދުގެ މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީގައިވެސް ކުރިއަށް އެބަދެވެ.
އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ، ދިރާގު ޓީވީގެ ހިދުމަތް ރިސޯޓުތައް ފިޔަވައި، 90 ރަށުގެ 85 ޕަސެންޓަށް ދެމުންދާ ކަމަށެވެ. އެ ހިދުމަތުގެ ކަސްޓަމަރުންގެ ގޮތުގައި 15000 މީހުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
"ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން އެންމެ ބޮޑު އިމްޕެކްޓެއް މިވަގުތު އަންނާނީ ދިރާގަށް، ދިރާގު ޓީވީގެ ހިދުމަތުގެ ލައިސަންސް އާކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ،"
އިސްމާއީލް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 30 މިލިޔަނަށްވުރެ ގިނަ ޑޮލަރު އެ ހިދުމަތަށް އިންވެސްޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދެވިފައި ނުވާއިރު، ގަވާއިދަށް ގެނައި އިސްލާހުގެ ސަބުން ބޮޑެތިި ދަދިތަކެއް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ ރަށަކަށްވެސް އެ ރަށެއްގެ ބަޔަކު ބޭނުންވާ ތަނަކުން ހިދުމަތް ހޯދުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ނަމަވެސް ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ވާދަވެރި ވިޔަފާރިއަށްވެސް ހުރަސްތައް ކުރިމަތިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު