ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ތާރީހުގައިވެސް އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސް ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ހެތްކާބެހޭ ބިލުގެ ބަހުސްގައި ރޮޒެއިނާ އެހެން ވިދާޅުވީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލުގެ ބަހުސް މުޅި މަޖިލީހުގެ ކޮމިޓީން ކުރިއަށްގެންދިޔައިރު، މަޖިލިސް ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް މަޖިލިސް ރައީސް ކުރެއްވުމުން މެންބަރުންނާއި މަޖިލިސް ރައީސާ ދެމެދު ބަހުގެ ހަމަލާތަކެއް ހިންގުމާ ގުޅިގެންނެވެ.
ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެފައި އޮތް އެއްޗަކަށް މިހާރު ވެއްޖެ ކަމަށާއި އެގޮތުން މަޖިލީހުގެ ރިޔާސަތުގެ މޭޒުމަތީގައި އޮތް ގަވާއިދާއި މަޖިލީހުގެ މެންބަރުންގެ މޭޒުމަތީގައި އޮތް ގަވާއިދަކީ ދެ އެއްޗެއްހެން ހީވާ ކަމަށެވެ. އަދި ބަހުސަށް ފުރުސަތު ދެއްވުމުގައިވެސް އެކި މެންބަރުންނަށް އެކި ގޮތަށް މަޖިލިސް ރައީސް ވަގުތު ދެއްވަމުން ގެންދަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އަޅުގަޑުމެންނަށް މިހާރު މިވަގުތު ފެނިގެން މިދަނީ މި މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސް، އަޅުގަނޑު ވަރަށް ހިތާމަކުރަން މި ވާހަކަ ދައްކަންޖެހޭތީ، އަޅުގަނޑުގެ ޕާޓީގެ ރައީސް، އެހެންނަމަވެސް ހަތަރު އަހަރު ވަންދެން އަޅުގަނޑުމެން މި ތިބެނީ ވަރަށް ކެއްކޮށްގެން މި ވާހަކަ ނުދައްކާ ތިބެވޭތޯ. މަޖިލިސް ފަށައިގަތްތާ ކުރީކޮޅު މަޖިލިސް ރައީސް ވިދާޅުވި މަޖިލީހުގެ ގަަވާއިދަކީ ތިމަންނާއޭ، މިހާރު އެގޮތަށް އަމަލުކުރަމުންދާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މި ވާހަކަތައް ދެއްކެވި އިރު، މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
ރޮޒައިނާ ވިދާޅުވީ، ކޮމިޓީ ބަހުސްގެ ތެރެއިން ކޮމިޓީ މަރުހަލާގެ ވަގުތު ދިގުކުރަން މެންބަރުން ހުށަހަޅައި އެއަށް ތާއީދު ލިބުމުން ވޯޓަށް އަހަންޖެހޭ ކަމަށާއި ނަމަވެސް އެގޮތަށް މަޖިލިސް ރައީސް ކަންތައް ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށްދާއިރު ވަގުތު އިތުރުކުރަން މެންބަރުން ބޭނުންވާނަމަ އަމަލުކުރަންވެސް އޮންނަނީ އެގޮތަށް ކަމަށް ކަމަށާއި ނަމަވެސް ހުދުމުހުތާރުކަމާއެކު މިއަދުވެސް ނިންމެވީ ވަގުތު އިތުރު ނުކުރަން ކަމަށެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ މަޖިލިސް ހިނގަންޖެހޭނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި މަޖިލީހުގެ ރައީސަށް ބަހުސްގައި ބައިވެރިއެއްނުވޭނެ ކަމަށެވެ. ނަމަވެސް މެންބަރުންނަށް އޮންނަ ބަހުސްގެ ވަގުތު ނަންގަވައިގެން ތަކުރާރުކޮށް މަޖިލީހުގެ ރައީސް، ހުރިހާ ކަމެއްގެ ތެރެއަށް ވެދެވަޑައިގެން ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
"ސުވާލުގެ ގަޑީގައި މިނިސްޓަރު ދެއްވަންވާ ޖަވާބުވެސް އެނގިވަޑައިގަންނަވަނީ މަޖިލިސް ރައީސަށް، މެންބަރުން ކުރަންވާ ސުވާލުވެސް އެނގެނީ މަޖިލީހުގެ ރައީސަށް، އަދި އެ ޖަވާބުދިނީމަ އޭގެ ތަރުޖަމާ، މަޖިލިސް މެންބަރުންނަށް މިދައްކަނީ ދިވެހި ބަހުންނެއް ނޫނޭ ހިތައް އަރައިގެން ތަރުޖަމާ އެބަދެއްވާ، މި ދަރަޖައަށް ދިޔައިމަ މިތަނުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ވަރަށް އުނދަގޫ، އަޅުގަނޑުމެނަށްވެސް އަންޑަސްޓޭންޑުވޭ މިވަގުތު މަޖިލީހުގެ ރައީސަކަށް ހުންނެވި ބޭފުޅަކީ ކުރީގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަން، ނަމަވެސް މިއީ ރައީސް އޮފީހެއް ނޫން، މިއީ ރައްޔިތުންގެ މަޖިލިސް، މިތަނުގައި މަޖިލީހުގެ ސްޕީކަރަކަށް ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކެއް ނޯވޭ، މިތަނުގައި މަޖިލިސް ހިނގަންޖެހޭނީ މަޖިލިސް ގަވާއިދާ އެއްގޮތަށް. މިތަނުގައި ބާރު އޮންނާނީ މެންބަރުންގެ، ތި ގޮނޑީގައި އިންނަވާ ބޭފުޅަކީ މިތާ ކަންތައްތައް ސްމޫތުކޮށް ހިނގާތޯބައްލަވަން އިންނަވާ ބޭފުޅެއް،" ރޮޒައިނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު