ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ ހަފުތާއަކު އެޗްޕީއޭ އިން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ދެ ހަފުތާއާ އަޅައި ބަލާއިރު މިދިޔަ ހަފުތާގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

އެގޮތުން މިމަހުގެ ފުރަތަމަ ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑު ޖެހުނީ 43 މީހުންނަށެވެ. އެއީ މާލެއިން 17 މީހުންނަށާއި ސިނާއި ރަށްތަކާއި ރިސޯޓުތަކުން 25 މީހުންނަށް އަދި މީހުން ދިރިއުޅޭ ރަށްތަކުން އެކަކަށެވެ.

ދެ ވަނަ ހަފުތާގައި މާލެއިން 28 މީހުން ޖެހުނު އިރު ސިނާއި ރަށްތަކާއި ރިސޯޓުތަކުން 39 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުން ދެ މީހަކާ އެކު މިމަހުގެ ދެވަނަ ހަފުތާގައި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 69 މީހުންނެވެ.

އެހެން ނަމަވެސް މިދިޔަ ހަފުތާގެ ކޭސްތަކަށް ބަލާއިރު މާލެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާލެއިން އެކަނިވެސް 51 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، ސިނާއީ ރަށްތަކާއި ރިސޯޓުތަކުން 35 މީހަކު މިދިޔަ ހަފުތާގައި ވަނީ ޕޮޒިޓިވްވެފައެވެ. ޖުމްލަ 86 މީހަކަށް ވަނީ މިދިޔަ ހަފުތާގައި ކޮވިޑް ޖެހިފައެވެ.

މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޑަކުދިންގެ ޑޮކްޓަރު އަދި އެޗްޕީއޭގެ ޓެގް ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވީ ކޮވިޑް ކޭސްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ. ހަމަ ވެދާނެ މިއީ އިތުރު ރާޅެއްގެ އިންޒާރަކަށްވެސް،" އޭނާ ވިދާޅުވިއެވެ.

ކޮވިޑު ކޭސްތައް އިތުރުވަމުންދާ ސަބަބެއް ހާމަކޮށްފައިނުވާ އިރު، މިވަގުތު ކޮވިޑު ބަލީގައި އެއްވެސް މީހެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ނުވަތަ އައިސީޔޫގައި ފަރުވާދެމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކުއަލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވިއެވެ. މި މަހުގެ 22 ވަނަ ދުވަހާ ހަމަޔަށް ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔައީ 11 މީހަކަށެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 185،280 އެވެ. އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ 307 އެވެ.