ޑެންގީ ހުން ހަލުވިކަމާއެކު ފެތުރޭތީ، މަދިރި އާލާވާތަންތަން ނައްތާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

"ޑެންގީ އިޖާބަ" ނަމުގައި މި ހަރަކާތް ކުރިއަށް ގެންދަން ރާވާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނުން ފަށައިގެންނެވެ. ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 7 ޖަހާއިރު ސެންޓްރަލް ޕާކު ސަރަހައްދުންނެވެ.

އެޗްޑީސީން ބުނީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަގުސަދަކީ ހުޅުމާލެއަކީ ޑެންގޫ ވައިރަސްއަށް އިތުރު ކްލަސްޓާއަކަށް ވިޔަނުދީ ޑެންގީ ފެތުރުން ވީހާވެސް މަދުކުރުން ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ނުކުމެ އެ ހަރަކާތުގައި ބައިވެރިވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.

މި ހަރަކާތުގައި ސަރުކާރުގެ އޮފިޝަލުންނާއި ކުންފުނިތަކުންނާއި ސްކޫލުތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންވެސް ބައިވެރިވާނެއެވެ.