ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަކަށް ހާޒިރުވާން އަންގައިފިއެވެ.

އޭސީސީން މިއަދުކުރި އިއުލާނެއްގައި ބުނީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އޭސީސީއަށް ޖަވާބުދާރީވާނެ މީހަކު ކަނޑައެޅުމަށް ދިން ފުރުސަތުގައި އެކަން ކޮށްފައިނުވާ ކަމަށެވެ. އަދި ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ވެސް އެ ކޮމިޝަނަށް އެ ކުންފުނިން ހާޒިރުވެފައި ނުވާ ކަމަށެވެ.

އެހެންކަމުން ކުންފުނީގެ ފަރާތުން އޭސީސީއަށް ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުމަށްފަހު އަންނަ އާދިއްތަ ދުވަހު އޭސީސީއަށް ހާޒިރުވުމަށް އެ ކުންފުންޏަށް އަންގާ ކަމަށް އޭސީސީން ބުންޏެވެ.

ޕޮޕިއުލާ މޯލްޑިވްސްއަކީ ރިޔާޒް ދެ ދަރިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އޭސީސީން މީގެ ކުރިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒަށް ލިބުނު 455،000 އެމެރިކާ ޑޮލަރު އޭނާގެ މެރީޑިއަން ކުންފުނި މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޓްރާންސްފާ ކޮށްފައިވެއެވެ.

އޭގެ ފަހުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތައް ތަހުގީގުކުރި ބޭރުގެ އެންޖީއޯއެއް ކަމަށްވާ އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް( އޯސީސީއާރްޕީ) އިން ބުނީ ބޮޑު ހިޔާނާތުގެ ތެރެއިން ތ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އޮޅުގިރި ކުރީގެ ސަރުކާރުގައި ޕޮޕިއުލާ މޯލްޑިވްސްއަށް ދީފައިވާ ކަމަށެވެ.